13 Oct 2022, 18:31
ޗައިނާއިން 2060 ވަނަ އަހަރަށް "ނެޓް ޒީރޯ އެމިޝަން"ގެ ލަނޑުދަނޑި ހާސިލުކުރުމަށް 17 ޓްރިލިއަން ޑޮލަރު ބޭނުންވާކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިން، 2060 ވަނަ އަހަރު އަންނަންވާ އިރަށް އެގައުމު ކާބަން ނިއުޓްރަލް ކުރައްވާނެ ކަމަށް ވިދާޅުވީ 2020 ވަނަ އަހަރު އޮތް އދ.ގެ އާންމު މަޖިލީހުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ކާބަން ނިއުޓްރަލް ކުރުމަކީ އެގައުމަކުން ބޭރު ކުރާ ވިހަ ގޭހާ އެއް މިންވަރަކަށް ކާބަން މަދުކުރެވޭނެ ފިޔަވަޅުތައް އަޅައިފައިވުމެވެ.
ދުނިޔެއިން އެންމެ ގިނައިން ވިހަ ގޭސް ބޭރު ކުރާ ގައުމުގެ ގޮތުގައި މިހާރު އޮތް ޗައިނާއަށް ކާބަން ނިއުޓްރަލް ވުމަށް 17 ޓްރިލިއަން ޑޮލަރު ބޭނުން ވަނީ ތިމާވެއްޓާ ރައްޓެހި އުމްރާނީ ތަރައްގީ އާއި ހަކަތައަށް އިންވެސްޓުކުރުމަށް ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ. އަދި އަމިއްލަ ފަރާތްތަކުން އެފަދަ އިންވެސްޓްމެންޓުތައް ކުރާ ނަމަ މި ލަނޑުދަނޑި ހާސިލުވާނެކަމަށް ވޯލްޑް ބޭންކުން ބުންނެވެ.
މީގެއިތުރުން، ދުނިޔޭގެ ކާބަން އެމިޝަންތައް ޗައިނާގެ އެހީ ނުލިބި މަދު ނުކުރެވޭނެ ކަމަށްވެސް އެ ބޭންކުން ވަނީ ބުނެފައެވެ. އަދި އަމިއްލަ ފަރާތްތަކުން މިކަމަށް އިންވެސްޓުކޮށް އެހީތެރިނުވާނަމަ، ޒީރޯ ނެޓް އެމިޝަންގެ ލަނޑުދަނޑި ހާސިލުކުރުމަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.