އިންޑިއާގެ މެއިޑެން ފާމަސޫޓިކަލްއިން އުފައްދާ ހަތަރު ވައްތަރެއްގެ ކޯފް ސިރަޕުން މައްސަލަތައް ފާހަގަކުރެވިފައިވާތީ އެ ކުންފުނިން ބޭސް އުފެއްދުން ހުއްޓުވައިފިއެވެ.

އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ސިއްހަތާބެހޭ ވަޒީރު އަނިލް ވިޖް ވިދާޅުވީ، އެ ސްޓޭޓްގެ ސޮނިޕަޓް ސަރަހައްދުގައި ހުރި މެއިޑެންގެ ކާރުހާނާއެއް ބަލާފާސްކުރުމުން 12 މައްސަލައެއް ފާހަގަކުރެވުނު ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޕްރޮޑަކްޝަން ބޭސް އުފެއްދުން އަންގާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާއިން އެ ފިޔަވަޅު އަޅާފައި ވަނީ ގެމްބިއާގައި ކިޑްނީ މައްސަލަ ޖެހިގެން މަރުވި 66 ކުޑަކުއްޖެއްގެ މަރާ، މެއިޑެންއިން އުފައްދާފައިވާ ކޯފް ސިރަޕާ ގުޅުން އޮތް ކަމަށް ލަފާ ކުރެވޭ ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ)އިން ބުނި ފަހުންނެވެ. އެހެންކަމުން ބާޒާރުގައި މެއިޑެން ފާމާގެ އުފެއްދުންތައް ވިއްކުން ހުއްޓާލުމަށް އެދި އެ ޖަމިއްޔާއިން ވަނީ މިދިޔަ ހަފުތާގައި ބަޔާނެއް ނެރެފައެވެ.

ޑަބްލިޔުއެޗްއޯއިން ނެރެފައިވާ އިންޒާރުގައި ހިމެނޭ ހަތަރު ބޭހަކީ، ޕްރޮމެތަޒީން އޯރަލް ސޮލިއުޝަން، ކޮފެކްމަލިން ބޭބީ ކޯފް ސިރަޕް، މަކޮފް ބޭބީ ކޯފް ސިރަޕް އަދި މެގްރިފް އެން ކޯލްޑް ސިރަޕެވެ.

މިކަމާ ގުޅިގެން މެއިޑެން ފާމަސޫޓިކަލްސްއިން އެއްވެސް އެއްޗެކޭ ބުނެފައި ނުވާއިރު، އެ ބޭސްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދީ އެކަން ސާބިތުކޮށްދިނުމަށް އެ ކުންފުނިން އަދި ވަނީ ނުކުޅެދިފައެވެ.

އެ ބޭސްތަކުން ފާހަގަކުރެވުނު މައްސަލައަކީ ކޯފް ސިރަޕްގައި އެކުލެވޭ މާއްދާތަކެއްގެ ސަބަބުން އެ ބޭސް ވިހަވެފައިވުން ކަމަށް ރިޕޯޓުތަކުގައިވެއެވެ.

މެއިޑެން ފާމަސޫޓިކަލްސްއަކީ އޭޝިއާ، ލެޓިން އެމެރިކާ އަދި އެފްރިކާގެ ގައުމުތަކަށް ބޭސް ވިއްކާ ކުންފުންޏެކެވެ.