އެމްޑީޕީގެ ލީޑަޝިޕާ މެދު އިތުބާރު އޮތްތޯ ބެލުމަށް އެޕާޓީގެ ގައުމީ މަޖިލީހަށް ހުށައަޅާފައިވާ މައްސަލަ އަނބުރާ ގެންގޮސްފި ކަމަށް ވަރަށް އިތުބާރު ހުރި ގޮތަކަށް ސަން އަށް އެނގިއްޖެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސްގެ މެމްބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ބުނީ އެމްޑީޕީގެ ލީޑަޝިޕާ މެދު އުފެދުނު މައްސަލަތައް ވާހަކަ ދައްކައިގެން ހައްލުކޮށްފައިވާ ކަމަށާއި އެމްޑީޕީގެ ރައީސް އިބުރާހިމް ދީދީ އާއި ނައިބު ރައީސް އަލްހާން ފަހުމީ އަކީ އެޕާޓީ އަށް މުހިއްމު ބޭފުޅުން ކަމަށެވެ. އަދި ބުނީ މައްސަލަތައް ހައްލުކުރެވިފައި ވާތީ ލީޑަޝިޕާ މެދު އިތުބާރު އޮތްތޯ ބެލުމަށް ހުށައެޅި މައްސަލަ މިހާރު އަނބުރާ ނަގާފައިވާ ކަމަށެވެ.

އެމްޑީޕީން މުހިއްމު ދެ ކެމްޕޭނެއް ކުރަމުންދާ އިރު އެ ޕާޓީ ވަރުގަދަކޮށް އޮތުން މުހިއްމު ކަމަށާއި އެ ޕާޓީގެ ރައީސާއި ނައިބު ރައީސަކީ ޕާޓީއަށް ވަރަށް މުހިއްމު ބޭފުޅުން ކަމަށް ގައުމީ މަޖިލިސްގެ މެމްބަރުން އެއްބަސްވީ، މިއަދު އޮންނަ އެމަޖިލީހުގެ ޖަލްސާގެ ކުރިން ކުރި މަޝްވަރާތަކެއްގައި ކަމަށް އޭނާ ބުންޏެވެ.


ނަން ހާމަ ނުކުރައްވައި ވާހަކަ ދެއްކެވި އެމްޑީޕީގެ އިސް ބޭފުޅަކު ސަން އަށް އިއްޔެ ކަށަވަރުކޮށްދެއްވި ގޮތުގައި އެމްޑީޕީގެ ރައީސް ޑރ. އިބުރާހިމް ދީދީ އާއި ނައިބު ރައީސް އަލްހާން ފަހުމީ އާއި ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކާއި ފައިނޭންސް ސެކްރެޓަރީ އަހުމަދު މައުސޫމުގެ މައްޗަށް އިތުބާރު އޮތްތޯ ބެލުމަށް ވޯޓެއް ނަގައި ދިނުން އެދި އެ ޕާޓީގެ އޮފީހަށް ވަނީ ގަރާރެއް ހުށައަޅައިފަ އެވެ.

ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ވެސް ވަނީ ހުށައަޅައިފަ އެވެ.