ރަޝިއާ-ކްރައިިމިއާ ގުޅުވައިދޭ ބްރިޖް ގޮއްވާލިކަމުގެ ތުހުމަތުގައި އަށް މީހުން ހައްޔަރުކޮށްފައިވާ ކަމަށް ރަޝިއާގެ ފެޑެރަލް ސެކިއުރިޓީ ސާވިސް އިން ބުނެފިއެވެ.

އެ އިދާރާއިން ބުނެފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ ރަޝިއާގެ ފަސް ރައްޔިތުންނާއި، ޔޫކްރޭނާއި އަރުމީނިއާއަށް ނިސްބަތްވާ ތިން މީހުންނެވެ.

ރަޝިއާއިން ދެކޭގޮތުގައި އެ ބްރިޖަށް ހަމަލާދީފައިވަނީ ޔޫކްރޭނުންނެވެ. އަދި ޔޫކްރޭނަކީ ޓެރަރިސްޓު ގައުމެއްގެ ގޮތުގައި ރަޝިއާއިން ވަނީ ސިފަކޮށްފައެވެ.

ރަޝިއާއިން ބުނާގޮތުގައި މި ގޮވުން ރޭވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ޔޫކްރޭން މިލިޓަރީ އިންޓެލިޖެންސް ސާވިސްގެ ޑިރެކްޓަރު ބުޑަނޮވްއެވެ.

މި ހަމަލާގައި ހަތަރު މީހުން މަރުވެފައިވާއިރު، ޔޫކްރޭނުގެ އިސް އޮފިޝަލުން ވަނީ މިކަން ކުލަގަދަކޮށް ފާހަގަކޮށްފައެވެ. ނަމަވެސް މި ހަމަލާގެ ޒިންމާ ޔޫކްރޭނަކުން ނަގާފައެއް ނުވެއެވެ.

ޔޫކްރޭނުގެ ބައެއްގެ ގޮތުގައި އޮތް ކްރައިމިއާ ރަޝިއާއިން ހިސޯރުކޮށްފައިވާއިރު، 2018 ވަނަ އަހަރު ހުޅުވި މި ބްރިޖަކީ ޔޫކްރޭން ހަނގުރާމައިގައި ރަޝިއާއަށް ވަރަށް މުހިންމު ބްރިޖެކެވެ. އެގޮތުން މިލިޓަރީ ހަތިޔާރުތައް ޔޫކްރޭނަށް ފޮނުވުމުގައި ރަޝިއާއިން މި ބްރިޖް ބޭނުންކުރެއެވެ.

ރަޝިއާގެ މި ބްރިޖަށް ދިން ހަމަލާއާ ގުޅިގެން ރަޝިއާއިން ވަނީ ޔޫކްރޭނަށް މިސައިލު ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި 19 މީހުން މަރުވެފައިވާއިރު، އެތައް ބަޔަކަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.

ރަޝިއާ-ޔޫކްރޭން ހަނގުރާމަ އިތުރަށް ވަރުގަދަވެފައިވާއިރު، ހަނގުރާމައިގައި ރަޝިއާއިން ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެކަމުގެ ބިރު އެބަ އޮތްކަމަށް ކަމުގެ މާހިރުން ބުނެއެވެ.

ރަޝިއާއިން ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފިނަމަ، ހުޅަނގުގެ ނިއުކްލިއާ ބާރުތަކާއެކު ނިއުކްލިއާ ހަނގުރާމައެއް ފެށުމުގެ ބިރު އެބައޮތް ކަމަށް ބެލެވެއެވެ.