އިގުތިސާދު ކުރިއެރުވުމަށް ބޭނުންވާ ތަރައްގީއާއި އިސްލާހީ ބަދަލުތަކާއި ބެހޭ ގޮތުން ވޯލްޑް ބޭންކާއެކު ފިނޭންސް މިނިސްޓްރީން މިއަދު މަޝްވަރާ ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިނިސްޓަރު އިބްރާހީމް އަމީރާއި މިނިސްޓްރީގެ އިސް މެމްބަރުން ވޯލްޑް ބޭންކުގެ ނައިބު ރައީސް މާޓިން ރައިޒާއާ މިއަދު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުކުރެއްވި ކަމަށެވެ.

އެ ބައްދަވަލުކުރެއްވުމުގައި އިގުތިސާދު ކުރިއެރުވުމަށް ބޭނުންވާ ތަރައްގީ އާއި، އިސްލާހީ ބަދަލުތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ފިނޭންސް މިނިސްޓަރު އަމީރު ވޯލްޑު ބޭންކުގެ ނައިބު ރައީސްއާ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުކުރެއްވުން --- ފޮޓޯ/ ފިނޭންސް މިނިސްޓްރީ

މީގެ އިތުރުން ވޯލްޑް ބޭންކުގެ ގުރޫޕުތައް ކަމަށްވާ މަލްޓިލޭޓަރަލް އިންވެސްޓްމެންޓް ގެރެންޓީ އޭޖެންސީ އާއި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން އާއި ރާއްޖެއާ އޮތް ގުޅުމާއި ބެހޭ ގޮތުން ވެސް އެ ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.

ވޯލްޑް ބޭންކުގެ ނައިބު ރައީސްއާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި މިނިސްޓްރީން ވަނީ ދާދި ފަހުން ހެދި ޕަބްލިކް އެކްސްޕެންޑީޗާ ރިވިއުއާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ.

ވޯލްޑް ބޭންކުގެ ނައިބު ރައީސްގެ އިތުރުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު އަދި ވޯލްޑް ބޭންކުގެ ގައުމުތަކުގެ ޓީމުތަކާ ވެސް މިނިސްޓަރު އަމީރު މިއަދު ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުކުރައްވާފައެވެ.