13 Oct 2022, 13:47
މައިކްރޮސޮފްޓުން އެޕަލްއާ ޕާޓްނާޝިޕް ހަދައި، އެޕަލްގެ އައިކްލައުޑާއި ފޮޓޯއެޕް ވިންޑޯޒް 11ގައި ބޭނުން ކުރެވޭ ގޮތް ހަދައިފިއެވެ.
މައިކްރޮސޮފްޓުން އިއްޔެ ވަނީ މިއަހަރުގެ މައިކްރޮސޮފްޓް ސާފޭސް އިވެންޓް ބާއްވާފައެވެ. އެ އިވެންޓުގައި އެ ކުންފުނިން ވަނީ އާ ސާފޭސް ޑިވައިސްތައް ތައާރަފްކޮށްފައެވެ. އޭގެ ތެރޭގައި މައިކްރޮސޮފްޓް ސާފޭސް ޕްރޯ 9، މައިކްރޮސޮފްޓް ސާފޭސް ލެޕްޓޮޕް ފަހެއް އަދި މައިކްރޮސޮފްޓް ސްޓޫޑިއޯ 2+ އޯލް-އިން-ވަން ހިމެނެއެވެ.
މައިކްރޯސޮފްޓުން މިއަދު ބުނީ އެޕަލް އައިކްލައުޑާއި ފޮޓޯ އެޕް ވިންޑޯޒް 11އަށް އިންޓަގްރޭޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ބަދަލާއެކު، ވިންޑޯސް ބޭނުން ކުރާ މީހުން އެޕަލްގެ އައިކްލައުޑް ވިންޑޯސް އެޕް އިންސްޓޯލް ކުރުމުން އެ މީހެއްގެ އައިފޯނުގައި ހުންނަ ފޮޓޯތައް ބެލުމަށް ބޭނުން ކުރެވޭނެއެވެ.
މައިކްރޮސޮފްޓުން ބުނީ މި ފީޗާ ވިންޑޯޒް އިންސައިޑާ ބޭނުންކުރާ މީހުންނަށް މިހާރު ލިބޭނެ ކަމަށެވެ. އަދި ވިންޑޯޒް 11 ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް އަންނަ މަހު އެ ފީޗާ ލިބޭނެ ކަމަށް ކުންފުނިން ބުނެއެވެ.
މިކަމުގެ އިތުރުން އެ އިވެންޓުގައި މައިކްރޮސޮފްޓުން ވަނީ އެކްސްބޮކްސް ގޭމިން ކޮންސޯލްތަކަށް އެޕަލް މިއުޒިކް ތައާރަފުކުރާކަން އިއުލާންކޮށްފައެވެ. އެކްސްބޮކްސް ބޭނުން ކުރާ މީހުންނަށް މިހާރުވެސް އެކްސްބޮކްސް ގޭމިން ކޮންސޯލްތަކުގައި އެޕަލް ޓީވީ އެޕްއަށް ވަދެވޭނެކަން ހާމަކުރިއެވެ.
އެންމެ ފަހުން މައިކްރޮސޮފްޓުން ވަނީ އެޕަލް މިއުޒިކާއި އެޕަލް ޓީވީ އެޕް އަންނަ އަހަރު ވިންޑޯޒް އަށް ލޯންޗް ކުރާނެ ކަމަށް އިއުލާންކޮށްފައެވެ. މާނައަކީ އައިފޯން ބޭނުންކުރާ ފަރާތްތަކަށް އެޕަލް މިއުޒިކާއި އެޕަލް ޓީވީ އެޕްތައް ވިންޑޯޒް 11 ޕީސީގައި ބޭނުންކުރެވޭނެ ގޮތް ހެދުމެވެ.
މައިކްރޮސޮފްޓުން އެ ޚިދުމަތް ލިބޭނެ ސީދާ ތާރީޚެއް ނުބުނެއެވެ. ނަމަވެސް މި އެޕްތަކުގެ ޕްރިވިއުތައް މިއަހަރުގެ ފަހުކޮޅު މައިކްރޮސޮފްޓް ސްޓޯރުން ލިބެން ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.