12 Oct 2022, 21:01
ދިވެހި ފަންނާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި ސަން މީޑިއާ އާއި ބައިސްކޯފާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ބައިސްކޯފުގެ މައި އޮފީހުގައި މިއަދު ބޭއްވި ހަފުލާއެއްގައި ސަންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އިބްރާހީމް ޚާލީލާއި ސީއޯއޯ މުހައްމަދު އާސިފް (މޮންދު)އެވެ. އަދި ބައިސްކޯފުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި އެމްޑީ މުހައްމަދު މިރުޝާން (މިރޫ) އާއި ޑިރެކްޓާ އޮޕަރޭޝަންސް އަބްދުﷲ ހާފިޒް (ހާއްޕެ)އެވެ.

ދިވެހި ފަންނާނުންނަށް އާ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަންއާއި ބައިސްކޯފު އެއްބަސްވުމެއްގައި ސޮއިކުރުމުގެ ތެރެއިން --- ފޮޓޯ/ ބައިސްކޯފު
މި އެއްބަސްވުމުގެ ދަށުން ދެ ފަރާތުން އުފައްދާ ކޮންޓެންޓް ޕްރޮމޯޓު ކުރުމާއި ދެ ފަރާތުން ގުޅިގެން ތަފާތު އިވެންޓުތައް ބޭއްވުމާއި ދެ ފަރާތުގެ ނަން ކޮންޓެންޓްތަކުގައި ބޭނުން ކުރަން ވަނީ ނިންމާފައެވެ.
ސަން އާއި ބައިސްކޯފުގެ އެއްބަސްވުމާ ގުޅިގެން މޮންދު ވިދާޅުވީ މި އެއްބަސްވުމާ މެދު އުފާކުރާ ކަމަށެވެ. އަދި މި އެއްބަސްވުމުގެ އެންމެ މުހިންމު ބޭނުމަކީ ދިވެހި ފަންނާނުންގެ ކުރިއެރުމަށް މަސައްކަތް ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު، ދެ ފަރާތުން ގުޅިގެން ދިވެހި ފަންނާނުންނަށް އާ ފުރުސަތުތައް ފަހިކޮށްދިނުން ވެސް މި އެއްބަސްވުމުގައި ހިމެނޭ ކަމަށް މޮންދު ވިދާޅުވިއެވެ.

ދިވެހި ފަންނާނުންނަށް އާ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަންއާއި ބައިސްކޯފު އެއްބަސްވުމެއްގައި ސޮއިކުރުމުގެ ތެރެއިން --- ފޮޓޯ/ ބައިސްކޯފު
"ވަރަށް އުފާވޭ އެއްބަސްވުމާމެދު. އެންމެ މަގްބޫލު ޕްލެޓްފޯމު މި މިހާރު މުނިފޫހިފުލުވުމުގައި. އުންމީދަކީ ދިވެހި ފަންނާނުންގެ ތަރައްގީއަށް ގިނަ އަދި ރަނގަޅު މަސައްކަތްތަކެއް ކުރުން،" މޮންދު ވިދާޅުވިއެވެ.
މި އެއްބަސްވުމާ ގުޅިގެން ބައިސްކޯފުގެ ކްރިއޭޓިވް ޑިރެކްޓަރު ނޫރާ ރަޝީދު ވިދާޅުވީ ސަންއާ އެކު އެއްބަސްވުމުގައި ސޮއިކުރުމަކީ ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.
"ކުރިއަށް އޮތްތާނގަ އުއްމީދުކުރަނީ ސަންއާ ގުޅިގެން އެންޓަޓެއިންމެންޓް އިންޑަސްޓްރީއަށް ރަނގަޅު ބަދަލުތަކެއް އަންނާނެ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް،" ނޫރާ ވިދާޅުވިއެވެ.

ދިވެހި ފަންނާނުންނަށް އާ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަންއާ ބައިސްކޯފު އެއްބަސްވުމެއްގައި ސޮއިކުރުމުގެ ތެރެއިން --- ފޮޓޯ/ ބައިސްކޯފު
ބައިސްކޯފަކީ ރާއްޖޭގައި މިހާރު އޮތް އެންމެ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމެވެ. ބައިސްކޯފުން ވަނީ ރާއްޖޭގެ މުނިފޫހިފިލުވުމުގެ އިންޑަސްޓްރީއަށް އިންގިލާބީ ބަދަލުތަކެއް ގެނުވާފައެވެ.
ބައިސްކޯފުން މިހާރު ތައްޔާރުވަމުން އަންނަނީ މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިއުޒިކް ޝޯއަށެވެ. އެ ޝޯގައި ގިނަ ދިވެހި ފަންނާނުންނާއި ސްރީ ލަންކާގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ޔޮހާނީ ބައިވެރިވެއެވެ.