ޑެންގީ ޖެހޭ މީހުންގެ އަދަދު ކަންބޮޑުވާވަރަށް އިތުރުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި ސަމާލުވުމަށް އެޗްޕީއޭއިން މިއަދު އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އާންމުކޮށް ކޮންމެ އަހަރަކު ވެސް ވިއްސާރަ މޫސުމާ ގުޅިގެން ޑެންގީ ހުން އިތުރުވާ ކަމަށެވެ.

މިއީ ރާއްޖެއަށް ގިނައިން ވިއްސާރަކުރި އަހަރަކަށް ވެފައި އަދި މިހާރު ވެސް ކުރަމުންދާ ވިއްސާރައާ ގުޅިގެން މަދިރި އާލާވެ، އިތުރުވުން ކުރިއަށް އޮތްތަނުގައި ގިނަވާނެ ކަމަށް ބެލެވޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭއިން ވަނީ ޑެންގީ އަކީ ސާފު ފެނުގައި އުފެދޭ އީޑީސް މަދިރީގެ ސަބަބުން ފެތުރޭ ބައްޔަކަށް ވުމުން، އެ ބަލިން ރައްކާތެރިވުމަށް އިލްތިމާސްކޮށްފައެވެ.

ހަމައެއާއެކު މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމަށާއި މަދިރި ހެފުން މަދުކުރުމަށްޓަކައި ފަރުދީ ގޮތުން ކުރެވޭނެ ކަންކަން ކުރުމަށް އެ އިދާރާއިން ވަނީ އިރުޝާދު ދީފައެވެ.

އެޗްޕީއޭއިން ހާމަކުރި ގޮތުގައި މި އަހަރުގެ އެޕްރީލް މަހުން ފެށިގެން މާލެ އާއި ރަށްރަށުން ވެސް ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރި އަދަދު ކަންބޮޑުވާން ޖެހޭ ވަރަށް ވަނީ އިތުރުވެފައެވެ. އަދި މިދިޔަ މަހާ އަޅާބަލާއިރު މި މަހުގެ މިހާތަނަށް ރިޕޯޓްކުރި އަދަދު ވެސް އިތުރެވެ.

އެ ބަލީގައި ހާލުބޮޑުވެ، ފަރުވާއަށް ރަށްރަށުން މާލެ ގެންނަން މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ.

އެޗްޕީއޭއިން ވަނީ، މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމަށާއި މަދިރި ލޯޝަން އަދި މޮސްކިޓޯ ރެޕެލެންޓް ބޭނުންކޮށް، ފަތިސް ގަޑީގައާއި ހަވީރު އިރުއޮއްސޭ ވަގުތުގައި ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ. އަދި ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުން މުހިންމު ކަމަށް އެ އޭޖެންސީން ބުނެފައިވެއެވެ.

ޑެންގީ ޖެހިއްޖެ ނަމަ އަރާމު ކުރުމާއި ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމާއި ޕެރެސެޓެމޯލް ބޭނުން ކުރުމަކީ ގޭގައި ދެވިދާނެ ފަރުވާތަކެވެ. އަދި ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ، ނުވަތަ ދިޔާއެއްޗެހި ބޭނުން ނުކުރެވޭ ނަމަ ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ނޫސްބަޔާނެއް ނެރެފައި މިވަނީ ޑެންގީ ޖެހިގެން މި މަހު އެކަނި ހަތަރު މީހުން މަރުވެ، އާއްމުންގެ ކަންބޮޑުވުން އިތުރުވެފައިވަނިކޮށެވެ.

އެގޮތުން ދާދި ފަހުން އަށް އަހަރުގެ ކުޑަ ކުއްޖަކު ޑެންގީ ޖެހިގެން މަރުވެފައިވާއިރު 19 އަހަރު ޒުވާނަކުވެސް ވަނީ ޑެންގީ ޖެހިގެން މަރުވެފައެވެ.

މީގެ އިތުރުން އިއްޔެ ވަނީ 21 އަހަރުގެ ޒުވާނަކާއި ނުވަ އަހަރުގެ ކުޑަ ކުއްޖަކު ޑެންގީއަށް ފަރުވާ ދެމުންދަނިކޮށް މަރުވެފައެވެ.