03 Apr 2012, 15:06
އާ ދެ މިނިސްޓްރީގެ ގޮތުގައި މިނިސްޓްރީ އޮފް ޖެންޑާ ފެމެލީ އެންޑް ހިއުމަންރައިޓްސް އާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަޖީ އުފައްދަވައި މިނިސްޓީ އޮފް ހެލްތު އެންޑް ފެމިލީގެ ނަން މިނިސްޓްރީ އޮފް ހެލްތުގެ ނަމަށް، އަދި މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަރަންމަންޓްގެ ނަން މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފަރާންސްޓްރަކްޗާގެ ނަމަށް ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވި މައްސަލަ ދިރާސާ ކުރަން ކޮމިޓީއަކަށް ފޮނުވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގެ އޮނިގަނޑަށް ބަދަލުގެނަސް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ސަރުކާރުން ހުށަހެޅުއްވި މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަކަށް ފޮނުވުމަށް ވިލިމާފަންނު ދާއިރާގެ މެންބަރު އަހްމަދު ނިހާނު ހުސެއިން މަނިކު ހުށަހަޅުއްވައި މެދު ހެންވޭރު ދާއިރާގެ މެންބަރު ތާއީދު ކުރައްވައިގެން އެ މައްސަލަ ކޮމިޓީއަކަށް ފޮނުވަން ފާސްކުރީ މިއަދުގެ ޖަލްސާގައި ތިއްބެވި 36 މެންބަރުންގެ ތެރެއިން ވޯޓުދެއްވި 34 މެންބަރުންގެ އިއްތިފާގުންނެވެ.
އެގޮތަށް މަޖިލީހުން ފާސްކޮށްފައި މިވަނީ މިހާރުގެ އިދިކޮޅު ޕާޓީ ކަމުގައިވާ އެމްޑީޕީން އެ ދެ މިނިސްޓްރީ އުފެއްދުމަށް މަޖިލީހުގައި ވަރަށް ބޮޑަށް ދެކޮޅު ހަދަމުން ގެންދަނިކޮށެވެ.
މި މައްސަލައަށް އިއްޔެ ބަހުސް ކުރިއަށް ދިޔައިރު އެމްޑީޕީގެ މެންބަރުން ވިދާޅުވެފައި ވަނީ، މިހާރު މިއޮތް ސަރުކާރަކީ ވެސް އެމްޑީޕީގެ ސަރުކާރެއް ކަމަށެވެ. އަދި ސަރުކާރުގެ އޮނިގަނޑުގެ ތެރޭގައި އެމްޑީޕީގެ ސަރުކާރުން ގާއިމް ކުރަން ޖެހޭ މުއައްސަސާތަކާއި އެ މުއައްސަސާތަކަށް އައްޔަން ކުރައްވާފައިވާ ބޭފުޅުންނަކީ މަޖިލީހުން ފާސްކޮށް ނިމިފައިވާ ކަންތައްތަކެއް ކަމަށެވެ. އަދި މިހާރު އޮތް ޑރ. ވަހީދުގެ ސަރުކާރަކީ ބާޣީ ސަރުކާރެއް ކަމަށާއި ސަރުކާރުގެ އޮނިގަނޑަށް ބަދަލުގެންނަން ޑރ. ވަހީދަށް ހުށަނޭޅޭނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި އެ މައްސަލައަށް ވޯޓަށް އެއްސެވިރު އެމްޑީޕީގެ މެންބަރުން ޖަލްސާގެ މާލަމުން ފެންނަން ނެތްކަން ވެސް ފާހަގަކޮށްލެވެ އެވެ.
އާ ދެ މިނިސްޓްރީ އުފައްދަވައި އެ ދެ މިނިސްޓްރީގެ ނަން ބަދަލު ކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މަޖިލީހަށް ފޮނުއްވާފައިވާ ސިޓީފުޅުގައި ވަނީ، މިނިސްޓްރީ އޮފް ހައުސިން އެންޑް އެން ވަޔަރަންމަންޓްގެ ނަން މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފަރާންސްޓްރަކްޗާގެ ނަމަށް ބަދަލުކޮށް އެ ވުޒާރާގެ މަސައްކަތުގެ ދާއިރާގެ ގޮތުގައި ހިޔާވަހި ކަމާ ބެހޭ އެންމެހާ ކަންކަން ބެލެހެއްޓުމާއި އިމާރާތް ކުރުމާ ބެހޭ އެންމެހާ ކަންކަމާއި ޕަބްލިކް އިންފްރާންސްޓްރަކްޗަރާ ބެހޭ އެންމެހާ ކަންކަން ބެލެހެއްޓުން ހަމަޖައްސަވާ ކަމަށެވެ. އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަޖީގެ ނަމުގައި ވުޒާރާއެއް އުފައްދަވައި އެ ވުޒާރާގެ މަސައްކަތުގެ ދާއިރާއަކީ ތިމާވެއްޓާ ބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުމާއި މީޓިއޮރޮލޮޖީއާ ބެހޭ އެންމެހޭ ކަންތައްތައް ބެލެހެއްޓުމާއި ހަކަތަ އާއި ބޯފެނާ ބެހޭ އެންމެހާ ކަންތައްތަކާއި ނަރުދަމާ އާއި ނަޖިހާ ބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން ކަމަށް ހަމަޖައްސަވައިފަ އެވެ. އަދި މިނިސްޓީ އޮފް ހެލްތު އެންޑް ފެމިލީގެ ނަން މިނިސްޓްރީ އޮފް ހެލްތުގެ ނަމަށް ބަދަލުކޮށް އެ ވުޒާރާގެ މަސައްކަތުގެ ދާއިރާ އަކީ ސިއްހަތާ ބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުމާއި އިޖްތިމާއީ ރައްކާތެރިކަމާ ބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން ކަމަށް ހަމަޖައްސަވައިފަ އެވެ. އަދި މިނިސްޓްރީ އޮފް ޖެންޑާ ފެމެލީ އެންޑް ހިއުމަންރައިޓްސްގެ ނަމުގައި ވުޒާރާއެއް އުފައްދައި އެ ވުޒާރާގެ މަސައްކަތުގެ ދާއިރާއަކީ އާއިލާއާ ބެހޭ އެންމެހާ ކަންތައްތަކާއި ކުޑަކުދިންނާ ބެހޭ އެންމެހާ ކަންތައްތަކާއި ހާއްސަ އެހީއަށްބޭނުންވާ މީހުންނާ ބެހޭ އެންމެހާ ކަންތައްތަކާއި އިންސާނީ ހައްގުތަކާ ބެހޭ ސަރުކާރުގެ ސިޔާސަތު ވިލަރެސް ކުރުމާގުޅޭ އެންމެހާ ކަންތައްތައް ބެލެހެއްޓުންކަމަށް ހަމަޖައްސަވާފަ އެވެ.
"މި ބަދަލުތައް ގެންނަން ޖެހުމުގެ ބޭނުންމަކީ ސަރުކާރުގެ ބައެއް ވުޒާރާތަކަށް ހަމަޖައްސަވާ ފައިވާ މަސައްކަތުގެ ދާއިރާގެ ތެރޭގައި ސަރުކާރުން އިސްކަން ދީގެން ހިންގަންބޭނުންވާ މައިގަނޑު ކަންތައްތަކުގެ ތެރެއިން ގިނަ ކަންތައްތަކެއް އެއް ވުޒާރައަކާ ހަވާކުވެފައި ހުރުމުން އެ މަސައްކަތްތައް އެދެވޭ ގޮތަށް ކުރުމުގައި ދަތި ތަކެއް ކުރިމަތިވަމުންދާތީ އާއި ސަރުކާރުގެ ވުޒާރާތަކަށް ހަމަޖައްސަވާފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރެއިން އެއްގޮތް މަސައްކަތްތައް، ނުވަތަ ގުޅުން ހުރި މަސައްކަތްތައް ތަފާތު ވުޒާރާތަކުން ކުރަމުން ގެންދާ ގޮތަށް އޮތުމުން މަސައްކަތްތަކުގެ ފުށުއެރުންތައް ދިމާވަމުން ދާތީ އެކަންކަން ހައްލުކޮށް އެކަންކަމާ ބެހޭ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާކޮށް ހަލުވިކުރުން،" ކަމަށް ވެސް ރައީސްގެ ސިޓީ ފުޅުގައިވެ އެވެ.