13 Oct 2022, 13:10
އީލޯން މަސްކްގެ އަގުހެޔޮ އިންޓަނެޓް ޚިދުމަތް ކަމަށްވާ ސްޓާލިންކް ޖަޕާނުގައި ތައާރަފްކޮށްފިއެވެ.
ސްޓާލިންކްއިން މިދިޔަ އަންގާރަ ދުވަހު ޖަޕާނަށް އެ ޚިދުމަތް ތައާރަފު ކުރުމުން އެ ގައުމު ވެފައި ވަނީ އެ ޚިދުމަތް ލިބޭ އޭޝިއާގެ ފުރަތަމަ ގައުމަށެވެ.
ސްޓާލިންކްގެ ޚިދުމަތް ފޯރުކޮށްދޭ ސްޕޭސް އެކްސް ކުންފުނިން ބުނި ގޮތުގައި ޖަޕާންގެ އިތުރުން އެ ކުންފުނިން މިހާރު ދަނީ ގާތްގަނޑަކަށް 40 ގައުމެއްގައި ސެޓެލައިޓް އިންޓަނެޓްގެ ޚިދުމަތް ދެމުންނެވެ.
ސްޕޭސް އެކްސްއިން ބުނީ ސްޓާލިންކް ޕްރޮޖެކްޓްގެ އިތުރުން، އަންނަ އަހަރުގެ ފަހުން ދުނިޔޭގެ ފެންވަރުގައި މޯބައިލް ފޯނުގެ ހިދުމަތް ފޯރުކޮށްދިނުމުގެ އަމާޒުވެސް އެކުންފުނިން ހިފާފައިވާ ކަމަށެވެ.
މިދިޔަ މަހުގެ ނިޔަލަށް ސްޕޭސްއެކްސްއަށް ބޭނުންކުރެވޭ 2،300އަށް ވުރެ ގިނަ ސްޓާލިންކް ސެޓެލައިޓް ދުނިޔޭގެ އޯބިޓްގައި ދައުރުވަމުންދާ ކަމަށް އެކުންފުނިން ބުނެއެވެ.
ދުނިޔޭގައި މިވަގުތު ހުރި އެންމެ މުއްސަނިދި މީހާ އަދި ޓެސްލާ ކާރު ކުންފުނީގެ ބާނީ އީލޯން މަސްކް ބުނެފައި ވަނީ ސްޕޭސްއެކްސްއިން އެއް މިލިއަނަށް ވުރެ ގިނަ ސްޓާލިންކް ޓާމިނަލް އުފައްދާފައިވާކަމެވެ.
އޭގެ އިތުރުން މަސްކް ބުނީ ސްޓާލިންކް މިހާރު އެންޓާޓިކާ ހިމެނޭ ގޮތަށް މުޅި ދުނިޔޭގެ ހުރިހާ ބައްރަކަށް ވެސް ލިބޭ ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުގައި ސްޓާލިންކުން ގާތްގަނޑަކަށް 50-200 އެމްބީޕީއެސްގެ ސްޕީޑްގައި އިންޓަނެޓް ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.