ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ފުވައްމުލަށް ސިޓީއަށް މިއަދު ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ އެކަމަނާގެ މި ދަތުރުފުޅަކީ ބައިނަލްއަޤުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ޤައުމީ ފެންވަރުގައި ފުވައްމުލަކުގައި ފާހަގަކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ފަޒްނާގެ މި ދަތުރުފުޅުގައި ޖެންޑާ މިނިސްޓްރީއާއި ޕެންޝަން އޮފީހާއި ފުލުސް އޮފީހާ އަދި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން އެ ސިޓީގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މިދަތުރުފުޅުގައި ފަޒްނާއާއެކު ޖެންޑާ މިނިސްޓަރު އާއިޝަތު މުޙައްމަދު ދީދީ ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

ރައީސް އޮފީހުން ބުނީ ފަޒްނާ، ފުވައްމުލައް ސިޓީއަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވާ، މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ.