12 Oct 2022, 15:35
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާއި އިންޓަމިލާން ބައްދަލުކުރާ މެޗަކީ ފައިނަލެއްކަމަށް ބާސާގެ ކޯޗު ޒަވީ ހަނާންޑޭޒް ބުނެފިއެވެ.
މިރޭގެ މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ޒަވީ ބުނީ އިންޓަ އަތުން ބާސާއަށް މޮޅުވުން މަޖުބޫރު ކަމަށެވެ. އަދި އޭނާގެ ޓީމުން މެޗުން މޮޅުވާން ކުރަންހުރި ހުރިހާކަމެއް ކުރަން ތައްޔާރަށް އޮތްކަމަށް ވެސް އޭނާ ބުންޏެވެ.
ޒަވީ ބުނީ އެ މެޗަކީ ބާސާއަށް ޕްރެޝަރު ބޮޑު މެޗަކަށް ވާނެކަމަށެވެ. އެހެންނަމަވެސް އޭނާގެ ކުޅުންތެރިންގެ ފަރާތުން އެ ޕްރެޝަރު ނުފެންނާނެކަމަށް ޒަވީ ބުންޏެވެ.
"ކޯޗެއްގެ ހައިސިއްޔަތުން އެ މެޗަކީ ބޮޑު ޕްރެޝަރެއް. އަހަރެން ހީކުރަނީ ހުރިހާ ސަޕޯޓަރުންނަށް އެ މެޗު ކަމުދާނެކަމަށް،" ޒަވީ ބުންޏެވެ.
މިރޭގެ މެޗު ބެލުމަށް ވީހާވެސް ގިނަ ބާސާގެ ސަޕޯޓަރުން ދަނޑަށް ވަނުމަށް އެދޭކަމަށް ޒަވީ ބުންޏެވެ. އޭނާ ބުނީ ބާސާގެ ސަޕޯޓަރުންގެ ރޫހުގައި އެކުރާ ސަޕޯޓުގެ ސަބަބުން ކުޅުންތެރިންނަށް ހިތްވަރު ލިބޭނެކަމަށެވެ.
އިންޓަމިލާނާ ބެހޭގޮތުން ވާހަކަދައްކަމުން ޒަވީ ބުނީ އެ ޓީމަކީ ވަރަށް ޑިފެންސިވް ޓީމެއްކަމަށެވެ. އެ ޓީމަކީ ވަރަށް ފަހަތުގައި އެތުރިގެން އޮންނަ ޓީމެއްކަމަށް ވެސް އޭނާ ބުންޏެވެ.
"އަހަރުމެން ޕްރެކްޓިސް ތަކުގަައި އެ ޓީމު ބަލިކުރާނެ ގޮތް މިދަނީ ވިސްނަމުން. ކުރީ މެޗުގައި ހިނގިކަންކަމަަށް ބަލައި ރަނގަޅުކުރަންވީ ކަންކަން މިހާރު ވަނީ ރަނގަޅުކޮށްފައި،" ޒަވީ ބުންޏެވެ.
މިދިޔަ ހަފުތާގައި އިޓަލީގައި ބާސާއާއި އިންޓަ ވަނީ ކުޅެފައެވެ. އެ މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުރީ އިންޓަ އިންނެވެ.
މިހާރު ޗެމްޕިއަންސް ލީގް ގްރޫޕް ސީގެ ތާވަލުގެ ތިން ވަނައިގައި ތިން ޕޮއިންޓާއެކު އޮތީ ބާސާއެވެ. ދެވަނައިގައި އިންޓަ އޮތީ ހަ ޕޮއިންޓާއެކުއެވެ. އަދި އެއްވަނައިގައި ބަޔާން އޮތީ ނުވަ ޕޮއިންޓާއެކުއެވެ.
ޗެމްޕިއަންސް ލީގުގައި ކުރިއަށް ދިޔުމަށް ބާކީ އޮތް ތިން މެޗު މޮޅުވާން ބާސާއަށް މަޖުބޫރެވެ.