12 Oct 2022, 13:37
ހުރިހާ ދަރިވަރުންނަކީ ވެސް އިލްމީ ދަންމަރު ނިވުނަ ނުދީ ހިފަހައްޓާ، އަބަދުވެސް އިލްމު ހޯދުމަށް މަސައްކަތްކުރާ ބަޔަކަށް ވުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ބޭއްވި އެ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފަޒްނާ ވިދާޅުވީ މައިމީހާގެ އުނގުން ފެށިގެން ކައްވަޅަންދާންދެން އިލްމު އުނގެނޭށޭ ބުނާ ބުނުމަކީ ވަރަށް މުހިންމު ބުނުމެއް ކަމަށެވެ.
"ވީމާ ތި ހުރިހާ ދަސްވެނިންނަކީ ކަންކަން ހޯދާ، ބަލާ، އިލްމީ ދަންމަރު ނިވުނަ ނުދީ ހިފަހައްޓާ ބަޔަކަށް ވުން މުހިންމު،" އެކަމަނާ ވިދާޅުވިއެވެ.
ފަޒްނާ ވަނީ ޔުނިވާސިޓީގައި ހާސިލްކުރާ އިލްމަކީ ހަޔާތުގެ ބާކީއޮތް ދުވަސްވަރު އިތުރު މައުލޫމާތު ހޯދައި ހުނަރުތައް ދަސްކުރުމަށް ބޭނުންކުރެވޭ ހަރުފަތެއް ކަމަށް ހެދުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި އިންޑަސްޓްރީތައް ފުޅާވަމުން ވަޒީފާތައް ބަދަލުވަމުން އަންނަ ބާރު ސްޕީޑުގައި ފައިހަމަ ކޮށްލައި ވަޒީފާގައި ދެމިތިބެވޭނީ ތާއަބަދު އިލްމު އުނގެނިގެން ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
"ސަބަބަކީ ތިމާއަކީ ކަންކަމުގެ މައުލޫމާތު އެނގުމާއެކު ބަދަލުވަމުންދާ އިލްމުގެ އަލީގައި މިސްރާބު ބަދަލުކޮށްލަން އެނގޭ ހުނަރުވެރި ބޭފުޅެއްކަން ވަޒީފާ ދޭ ފަރާތްތަކަށް ފާހަގަވާނެ،" ފަޒްނާ ވިދާޅުވިއެވެ.
ހަމައެފަދައިން ތިމާގެ ދިރިއުޅުމުގެ ފެންވަރު މަތިވުމާއި ތިމާ ކުރަންބޭނުންވާ ކަންކަން އިތުރަށް އޮޅުންފިލުވައި، އީޖާދީ ވިސްނުންތައް ވިސްނެން ފަށާނީ އިލްމު އުނގެނިގެން ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
"މި ހުރިހާ ކަމަކުން ވެސް ދޭހަވާކަމަކީ ލައިފްލޯންގް ލާނިން އަކީ ތިމާގެ ދިރިއުޅުމަށް އެއްދުވަހުން އަނެއްދުވަހަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެއްކަން،" ފަޒްނާ ވިދާޅުވިއެވެ.