12 Oct 2022, 12:39
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ނައިބު ރައީސްކަމުގެ މަގާމަށް އައްޔަންކުރައްވާފައިވާ ހއ. އިހަވަންދޫ/ އާޒާދީބަހާރު، މުޙައްމަދު ފިރާޒަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވި މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތިން، ޕީސީބީގެ ނައިބު ރައީސްކަމުގެ މަގާމަށް އައްޔަންކުރައްވާފައިވާ ފިރާޒަށް ރުހުން ހޯއްދެވުމަށް ރައީސް ފޮނުއްވާފައިވާ މައްސަލަ އިއްވެވީ އަމީންއާމް ފާތިމަތު ނިއުޝާއެވެ.
ރައީސްގެ ސިޓީގައި ވަނީ ފިރާޒަށް ރުހުން ދިނުމާމެދު މަޖިލީހުން ދެކޭގޮތް ރައީސަށް އަންގަވައި ދެއްވުމަށް އެދޭ ކަމަށެވެ. އެ މައްސަލަ ދިރާސާ ކުރުމަށް ފޮނުވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އެސްއޯސީ ކޮމިޓީއަށެވެ.
ދާދި ފަހުން ޕީސީބީގެ ރައީސް ކަމުގެ މަގާމަށް ވެސް ބޭފުޅަކު ވަނީ އައްޔަނު ކުރައްވާފައެވެ. އެ މަގާމަށް އާސިމް މުޙައްމަދު އައްޔަނު ކުރުމަށް މަޖިލީހުން ރުހުން ދިނީ މި އަހަރުގެ ފެބްރުއަރީ މަހުގައެވެ.
ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައި އޮންނަ މިނިވަން ވުޒާރާ، ޕީސީބީގެ ރައީސްގެ މަގާމަށް މީހަކު އައްޔަންކޮށްފައި ވަނީ އެ މަގާމު ހުސްވިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައި ވަނިކޮށެވެ.
ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ އެ ބޯޑުގެ ރައީސްކަން ކުރިން ކުރެއްވީ ހަސަން ވަހީދެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޭނާ އިސްތިއުފާ ދެއްވީ މިނިވަން މާހައުލެއްގައި މަސައްކަތް ކުރެވޭނެ ފުރުސަތު ނެތް ކަމަށް ވިދާޅުވެއެވެ.
ހަސަން ވަހީދު އިސްތިއުފާ ދެއްވުމުގެ ފަސް ދުވަސް ކުރިން މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް އޭނާ ވަނީ ހާޒިރުކޮށްފައެވެ.
ޕިސީބީ ބޯޑަކީ 2013 ވަނަ އަހަރު އުފައްދައިފައިވާ ބޯޑެކެވެ. ބޯޑު އުފައްދައިފައިވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓްކުރުުމުގެ ގާނޫނުގެ ދަށުންނެވެ.