12 Oct 2022, 11:24
އީރާނުގައި އަންހެނުންގެ ހައްގުތަކަށް އެތައް ބަޔަކު ވަކާލާތު ކުރަމުން ދަނިކޮށް މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާ އެކަމަށް ތަރުހީބުދީ ވާހަކަ ދެއްކުމުން އޭނާއަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.
އީރާންގެ ސަރުކާރާ ދެކޮޅަށް މިދިޔަ މަހު ވަރުގަދަ މުޒާހަރާތައް ފެށީ، އެގައުމުގެ ޒުވާން އަންހެނަކު ބުރުގާ އަޅައިގެން ހުރި ގޮތުގެ ސަބަބުން ދީނީ ފުލުހުން އޭނާ ހައްޔަރުކުރި ފަހުން އޭނާގެ ހާލު ސީރިއަސްވެ، މަރުވުމުންނެވެ.
މަހްސާ އަމީނީ ނަމަކަށް ކިޔާ 22 އަހަރުގެ އެ ޒުވާނާގެ މަރާ ގުޅިގެން އީރާނުގައި މުޒާހަރާ ކުރަމުންދާ އިރު، އެ މުޒާހަރާތަކުގެ ބައިވެރިންނަށް ހިތްވަރުދީ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ޝުއޫރު ފާޅުކުރަމުންނެވެ.
މިކަމާ ގުޅިގެން ޕްރިޔަންކާ ދާދި ފަހުން ކުރި ޓްވީޓެއްގައި ވަނީ އީރާނުގެ މުސްލިމް އަންހެނުންނަށް ސަޕޯޓުކުރާކަން ފާހަގަކޮށްފައެވެ. ފުލުހުންގެ އަނިޔާގެ ސަބަބުން މަރުވި މަހްސާ އަމީނީއަށް ފަހު އީރާންގެ އަންހެނުންނާއި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންހެނުން އަންނަނީ އެކަމާ އަޑުއުފުލަމުން ކަމަށް ޕްރިޔަންކާ ބުންޏެވެ.
ހަމައެއާއެކު، އެތައް އަހަރެއް ވަންދެން ހުއްޓުވާފައިވާ އަންހެނުންގެ އަޑުތައް މިއަދު އިވޭ ކަމަށާއި އެ އަންހެނުންގެ ހިތްވަރު ގަބޫލުވެސް ކުރަން ދަތި ކަމަށް ޕްރިޔަންކާ ބުންޏެވެ. އަދި އީރާންގެ އަންހެނުން ކުރަމުން އަންނަ މަސައްކަތުގައި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަކުން މީހުން ބައިވެރިވާން ޖެހޭކަން ފާހަގަކޮށް ޕްރިޔަންކާ ބުނީ އޭނާ ހުރީ އީރާންގެ އަންހެނުންނާއެކުގައި ކަމަށެވެ.
View this post on Instagram
ނަމަވެސް ޕްރިޔަންކާ އެހެން ބުނުމުން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. ސަބަބަކީ އޭނާގެ އަމިއްލަ ގައުމު އިންޑިއާގައި މުސްލިމު އަންހެނުންނަށް ސަރުކާރުން ކުރަމުންދާ އަނިޔާތަކަށް އޭނާ ބީރު ކަންފަތެއް ދީފައިވާތީ ކަމަށް އެ މީހުން ބުނެއެވެ.
އިންޑިއާގައި ދިރިއުޅޭ މުސްލިމް އަންހެނުން ބުރުގާ އަޅަން ހުރަސް އަޅައި، ބުރުގާ އަޅައިގެން އުޅޭ އަންހެނުންނަށް ބައެއް ސްކޫލްތަކަށާއި ޔުނިވާސިޓީތަކަށް ނުވަދެވޭ ގޮތަށް ގަވައިދުތައް ހެދި އިރު ޕްރިޔަންކާ އެކަންތައް އެއްވެސް ވަރަކަށް ކުށްވެރިކޮށްފައި ނުވާކަން ގިނަ ބަޔަކު ފާހަގަކުރިއެވެ.
މިކަމާ ގުޅިގެން އެތައް ބަޔަކު އަންނަނީ ޓްވިޓާގައި އެމީހުންގެ އުދާސްތައް ހިއްސާކުރަމުންނެވެ.