މިހާތަނަށް އެންމެ ގިނަ ބަޔަކު ބަލާފައިވާ އެއް ޓީވީ ޝޯ ކަމަށްވާ "ގޭމް އޮފް ތުރޯންސް"އިން ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދި އެކްޓްރެސް ލީނާ ހީޑީ ކައިވެނިކޮށްފިއެވެ.

ހަމައެކަނި ގާތް އެކުވެރިންނާއި އާއިލާ މެމްބަރުންނަށް ދައުވަތު ދީގެން ބޭއްވި ހަފުލާއެއްގައި ލީނާ ކައިވެނިކޮށްފައިވަނީ މަޝްހޫރު ޓީވީ ޝޯ "އޯޒާކް"ގެ އެކްޓަރު މާކް މެންޗާކާ އާއެވެ.

މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ދެމީހުން ކައިވެނި ކުރިއިރު ދެމީހުންގެ ކައިވެނީގެ ވާހަކަ އާންމުކޮށްފައިވަނީ ދާދި ފަހުންނެވެ. ދެ މީހުންގެ ކައިވެނީގެ ހަފުލާގެ ފޮޓޯތައް މިހާރު ވަނީ އާންމުކޮށްފައެވެ. ކައިވެނީގެ ހަފުލާއިން އެންމެ ފާހަގަކޮށްލެވުނު އެއް ކަމަކީ ހަފުލާގެ ބައިވެރިންގެ ތެރޭގައި ގޭމް އޮފް ތުރޯންސްގެ ގިނަ އެކްޓަރުން ހިމެނޭ ކަމެވެ.

ލީނާގެ ކައިވެނީގެ ހަފުލާގައި ސޯފީ ޓާނާ އާއި އޭނާގެ ފިރިމީހާ ޖޯ ޖޯނަސް --

އެގޮތުން ލީނާގެ ކައިވެނީގެ ހަފުލާގައި ޕީޓާ ޑިންކްލެޖް އާއި އެމީލިއާ ކްލާކް އާއި މިޝެލް ފެއާލީ ވަނީ ބައިވެރިވެފައެވެ. އަދި ސޯފީ ޓާނާ، އޭނާގެ ފިރިމީހާ އަދި ލަވަކިޔުންތެރިޔާ ޖޯ ޖޯނާސް އާއެކު އެ ހަފުލާގައި ބައިވެރިވިއެވެ.

ލީނާ އާއި މާކް ދިމާވެފައިވަނީ 2020 ވަނަ އަހަރުގައެވެ. ދެމީހުން ރަށްޓެހިވެގެން އުޅޭކަން އިއުލާނުކޮށްފައިވަނީ އެ އަހަރެވެ.

ލީނާ ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށްފައެވެ. މިއުޒިޝަނެއް ކަމަށްވާ ޕީޓާ ލޫގްރަން އާއެކު 2007 ވަނަ އަހަރު ކައިވެނި ކުރުމަށް ފަހު ވަރިވެފައިވަނީ 2013 ވަނަ އަހަރުގައެވެ. އެ ދެ މީހުންގެ ކައިވެންޏަށް ދަރިއެއް ހުރެއެވެ.