އައިއެމްއެފް އާއި ވޯލްޑް ބޭންކްގެ އަހަރީ ޖަލްސާއާއެކު ބާއްވާ ކްލައިމޭޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ 20 ގައުމުގެ މާލީ ވަޒީރުންގެ ނުވަ ވަނަ ބައްދަލުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެމެރިކާގެ ވޮޝިންޓަނަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.

އެމަނިކުފާނުގެ އެ ދަތުރުފުޅަކީ މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހަށް ކުރައްވާ ދަތުރުފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ސީވީއެފް ގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވުމަށް އެމަނިކުފާނަށް ދައުވަތު ދީފައިވާ ކަމަށެވެ.

މިވަގުތު ތަރައްގީ ވަމުން އަންނަ ގިނަ ގައުމުތަކުގެ އިގްތިޞާދަށް ބޮޑު ލޮޅުންތަކެއް އަރާފައި ވާ ކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އެ ކަންކަމާމެދު ފުންކޮށް ވިސްނަން ޖެހިފައިވާ ކަމަށެވެ.

"ކްލައިމެޓް ވަލްނަރަބަލް ފޯރަމް ދެކޭގޮތުގައި ކުރިއަށް މިއޮތް ދެ އަހަރު ގެ ތެރޭގައި، އެ ފޯރަމްގައި ހިމެނޭ ގައުމުތަކުގެ ތެރެއިން 20 ގައުމާ ގާތަށް އިގްތިޞާދީ ހީނަރުކަން ކުރިމަތިވެ، ދަތިތަކާ ކުރިމަތިލައި އަދި ސޮވަރިން ޑިފޯލްޓްގެ މިންވަރަށް އެ ގައުމުތަކުގެ އިގްތިޞާދު ދިޔުމަކީ އެކަށީގެންވާ ކަމެއްގެ ގޮތުގައި ދެކެނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ވުމާއެކު އެ ފޯރަމުން މާލީ އިދާރާތަކާ ވާހަކަ ދައްކައިގެން އެކަމާގުޅިގެން ކުރަން ޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ދަތުރަށް ކުރަންޖެހޭ ޚަރަދުތައް ކުރަމުންދަނީ ސީވީއެފުން ކަމަށެވެ.

ސީވީއެފް އަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ނުރައްކާ ބޮޑު ގައުމުތަކަށް ޚާއްސަކޮށްގެން ބާއްވާ ބައިނަލްއަގުވާމީ ފޯރަމެވެ.

ރާއްޖެ ހިމެނޭހެން އެފްރިކާ، އޭޝިއާ، އޭޝިއާ، ކެރީބިއަން، ލެޓިން އެމެރިކާ އަދި ޕެސިފިކްގެ 55 މެންބަރު ގައުމުގެ މައްޗަށް އެކުލެވޭ އެ ފޯރަމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.4 ބިލިއަން މީހުން ތަމްސީލު ކުރާ ފޯރަމެކެވެ.