ތިން ސަތޭކައަށް ވުރެ ގިނަ ދަރިވަރުންނާއެކު ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަސްވެނިވުން ފަށައިފިއެވެ.

އެމްއެންޔޫގެ ދަސްވެނިވުން ކުރިއަށް ދާނީ މިއަދާއި މާދަމާއެވެ. ދަސްވެނިވުން ކުރިއަށްދާނީ ތިން ސެޝަނަކަށް ބަހާލައިގެނެވެ.

މިއަދު ފެށި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފަޒްނާ އަހުމަދު ވަނީ ކޮންމެ އުމުރެއްގައި ވެސް އުނގެނުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާ ވާހަކަދައްކަވާފައެވެ.

އެގޮތުން އެކަމަނާ ވިދާޅުވީ ދަސްވެނިވުމަށްފަހު ވެސް އިލްމީ ދަންމަރު ނިވުނަނުދީ ހިފައްޓާ ބަޔަކަށް ދަރިވަރުން ވުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. އެހެންކަމުން މިއަދު މި ހާސިލްކުރި އިލްމަކީ ހަޔާތުގެ ބާކީއޮތް ދުވަސްވަރު އިތުރު މައުލޫމާތު ހޯދާ، ހުނަރުތައް ދަސްކުރުމަށް ބޭނުންކުރެވޭ ހަރުފަތަކަށް ހެދުމަށް އެކަމަނާ ވަނީ ނަސޭހަތް ދެއްވާފައެވެ.

އެމްއެންޔޫ ދަސްވެނިވުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

"އިންޑަސްޓްރީތައް ފުޅާވަމުން ވަޒީފާތައް ބަދަލުވަމުން އަންނަ ބާރު ސްޕީޑުގައި ފައިހަމަ ކޮށްލާ ވަޒީފާގައި ދެމިތިބެވޭނީ ތާއަބަދު އިލްމު އުނގެނިގެން،" އެކަމަނާ ވިދާޅުވިއެވެ.

ފަޒްނާ ވިދާޅުވީ ކަންކަމުގެ މައުލޫމާތު އެނގުމާއެކު، ބަދަލުވަމުންދާ އިލްމުގެ އަލީގައި މިސްރާބު ބަދަލުކޮށްލަން އެނގޭ ބަޔަކަށް މިއަދުގެ ދަރީން ވާންޖެހޭކަމަށެވެ.

"ހަމައެފަދައިން ތިމާގެ ދިރިއުޅުމުގެ ފެންވަރު މަތިވުމާ ތިމާ ކުރަން ބޭނުންވާ ކަންކަން އިތުރަށް އޮޅުންފިލުމާއެކު އީޖާދީ ވިސްނުންތައް ވިސްނެން ފަށާނެތީ. މި ހުރިހާ ކަމަކުން ވެސް ދޭހަވާކަމަކީ ލައިފްލޯންގް ލާނިން އަކީ ތިމާގެ ދިރިއުޅުމަށް އެއްދުވަހުން އަނެއްދުވަހަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެއްކަން،" އެކަމަނާ ވިދާޅުވިއެވެ.

މިއަދު ހެނދުނު ސެޓްފިކެޓު ހާސިލް ކުރީ ފެކަލްޓީ އޮފް އާޓްސް އާއި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އާއި ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ދަރިވަރުންނެވެ.

މިރޭ ސެޓްފިކެޓް ހާސިލް ކުރާނީ ފެކަލްޓީ އޮފް އިންޖިނިއަރިން، ސައިންސް އަދި ޓެކްނޮލޮޖީ އާއި ފެކަލްޓީ އޮފް ނާސިން އާއި ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ދަރިވަރުންނެވެ.

އެއަށް ފަހު މާދަމާ ސެޓްފިކެޓް ހާސިލް ކުރާނީ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް އާއި އެމްއެންޔޫ ބިޒްނަސް ސްކޫލުގެ ދަރިވަރުންނެވެ.