03 Apr 2012, 14:47
ގދ. ހޯޑެއްދޫ ކައުންސިލްގެ ގަރާރަކުން ވަކިކުރި ކައުންސިލަރުގެ ގޮނޑި ހުސްވެފައިވާ ކަމަށް ބެލެވޭ ކަމަށް ބުނެ، ބައި އިލެކްޝަނެއް ބާއްވައި ދިނުމަށް އިލެކްޝަންސް ކޮމިޝަނާއި ލޯކަލް ގަވާމަންޓް އޮތޯރިޓީގައި ހޯޑެއްދޫ ކައުންސިލުން އެދެފި އެވެ.
ހޯޑެއްދޫ ކައުންސިލްގެ ދެ މެމްބަރުންގެ ތާއިދާ އެކު ފާސްކުރި ގަރާރަކުން އިއްޔެ ވަކިކޮށްފައި ވަނީ އެ ކައުންސިލްގެ ހިމެނޭ އެމްޑީޕީގެ ކައުންސިލް މެމްބަރު މުހައްމަދު އަޔާޒެވެ. އަޔާޒު ކައުންސިލަރު ކަމުން ވަކިކޮށްފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 28 ވަނަ މާއްދާގެ (ނ) ގައި ބުނާ ޝަރުތު ފުރިހަމަނުވާ މީހެއް ކަމަށް ބުނެ އެވެ.
އެ މާއްދާގެ (ނ) ގައި ބުނަނީ އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ނަމަ ރަށު ކައުންސިލްތަކުގެ އިންތިޚާބުގައި ބައިވެރިނުވެވޭނެ ކަމަށެވެ.
ހޯޑެއްދޫ ކައުންސިލްގެ ރައީސް މުހައްމަދު ސައީދު އިލެކްޝަނަށާއި ލޯކަލް ގަވާމަންޓް އޮތޯރިޓީ އަށް އިއްޔެ ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ އަޔާޒަކީ ހޯޑެއްދޫ ކައުންސިލްގެ މެމްބަރެއް ކަމަށް ގާނޫނީ ގޮތުން ބެލެވެން އޮތް ފަރާތެއް ނޫން ކަމަށް ކަނޑައަޅައި، އަޔާޒަށް ދެމުން އައި މުސާރަ އާއި އިނާޔާތް ދިނުން ހުއްޓާލުމަށް ކަނޑައަޅައި ހޯޑެއްދޫ ކައުންސިލުން ގަރާރެއް ފާސްކޮށްފައިވާ ކަމަށެވެ. ސަން އަށް ވެސް ކޮޕީ ލިބިފައިވާ އެ ސިޓީގައި ވަނީ ހުސްވެފައިވާ ކަމަށް ބެލެވޭ ގޮނޑިއަށް މެމްބަރަކު އިންތިޚާބު ކުރުމަށް ޓަކައި، ބައި އިލެކްޝަނެއް ބޭއްވޭނެ ގޮތެއް ހަދައި ދިނުމަށް އިލެކްޝަން ކޮމިޝަނާއި ލޯކަލް ގަވާމަންޓް އޮތޯރިޓީގައި އެދިފަ އެވެ.
ހޯޑެއްދޫ ކައުންސިލުން ފާސްކުރި ގަރާރާ ގުޅިގެން އަޔާޒު މިއަދު ވިދާޅުވީ އޭނާ ވަކިކުރަން ކައުންސިލުން ފާސްކޮށްފައި އޮތް ގަރާރަކީ އެއްވެސް ގާނޫނީ ހައިސިއްޔަތެއް އޮތް ގަރާރެއް ނޫން ކަމަށާއި އެ ދުވަހު ބޭއްވި ޖަލްސާއަކީ ވެސް ސައްހަ ޖަލްސާއެއް ނޫން ކަމަށެވެ.
"ގާނޫނުގައި އެބަބުނޭ ބަޖެޓް ފާސް ނުކުރަނީސް އަހަރު ތެރޭގައި އިތުރު ޖަލްސާއެއްގައި އެހެންކަމެއް ކުރިއަށް ނުގެންދެވޭނެއޭ ހަމައެކަނި ގެންދެވޭނީ ބަޖެޓްގެ ކަންތައްތަކޭ. ބަޖެޓް ފާސްކޮށްފައި ނިންމުމަށް ފަހުގައި ނޫނީ ޖަލްސާއަކަށް އެހެން އިތުރު ކަމެއް ހުށަހެއްނޭޅޭނެއޭ،" އަޔާޒު ވިދާޅުވި އެވެ.
ކައުންސިލްގެ ގަރާރުގައި ބުނަނީ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި އަޔާޒު ވާދަކޮށް، ކައުންސިލަށް ހޮވުނު އިރު ވެސް، އަޔާޒަކީ ހޯޑެއްދޫ ކޯޓުގެ ގަޟިއްޔާ އިން ސާބިތުވާ ދަރަންޏެއް އޮތް މީހެއް ކަމަށެވެ. އަދި އެދަރަނި ދައްކަމުން ނުދާކަން ކޯޓުގެ ސިޓީން އެންގެން އޮތް ކަމަށް ވެސް ކައުންސިލްގެ ގަރާރުގައި ބުނެފައިވެ އެވެ.
އަޔާޒު ވިދާޅުވީ ދަރަނީގެ މައްސަލައެއް ސާބިތުވާ ކަމަށް ގަރާރުގައި ބުނާ ވާހަކައަކީ ދިވެހި ރާއްޖޭގެ ޝަރުއީ ކޯޓަކުން ހުކުމްކޮށްފައި އޮތް ކަމެއް ނޫން ކަމަށެވެ. އަދި އޭނާ އަށް ވެސް ދަރަންޏެއް އޮތްކަން ނޭނގޭ ކަމަށް އަޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑަކަށް މިހާތަނަކަށް ނޭނގޭ އަޅުގަނޑުގެ ދަރަންޏެއް އޮތް ކަމެއް، އަޅުގަނޑުގެ ދަރަންޏެއް އޮތްވާ އެމީހާއާ އަނެއްކާ އަޅުގަނޑު އެދަރަނި އަދާނުކޮށް ކައިވެނި ކުރެވޭނީ ކޮންއުސޫލަކުންތޯ. އަޅުގަނޑު މިހާރު ވެސް މިހުރީ އޭރު ވަރިކުރި މީހާއާ ކައިވެނިކޮށްގެން، ދަރިފުޅަށް ޚަރަދު ނުދީގެން އިތުރު ހުކުމެއް ކޮށްފައެއްނުވޭ،" އަޔާޒު ވިދާޅުވި އެވެ.
އަޔާޒް ވިދާޅުވީ އިލެކްޝަން ކޮމިޝަނުން ވެސް އަދި ސުޕްރީމް ކޯޓަކުން ވެސް އޭނާގެ ކެންޑިޑެސީ ބާތިލުވިކަން އަންގާފައިނުވާ ކަމަށާއި މިއަދު ވެސް ވަޒީފާ އަށް ނުކުންނަވާފައިވާ ކަމަށެވެ.
"ބައެއް ބޭފުޅުން ނުކުމެ ބޭރުގައި ތިބޭ މީހުންނާ ވާހަކަ ދައްކަމުން އެބަ ބުނާ ކަމަށް އަޅުގަނޑު އޮފީހުގައި އިންނަންޏާ ތިމަންނައެއް އޮފީހަކަށް ނާންނާނަމޭ. އެކަހަލަ ވާހަކަތަކެއް އެބަދައްކާ،" އަޔާޒް ވިދާޅުވި އެވެ.
ހޯޑެއްދޫ ކައުންސިލްގެ ރައީސް މުހައްމަދު ސައީދު ވިދާޅުވީ އަޔާޒު ކައުންސިލަރު ކަމުން ވަކި ކުރި ކަމުގެ ސިޓީ އިއްޔެ އަޔާޒާ ހަވާލު ކުރި ކަމަށާއި ނަމަވެސް ފަހުން އަނބުރާ ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މިއަދު އަޔާޒު އޮފީހަށް ނުކުންނަވާފައިވާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
އަޔާޒަކީ ކައުންސިލްގެ މެމްބަރެއް ކަމަށް ނުބަލާނެ ކަމަށް ބުނެ ހޯޑެއްދޫ ކައުންސިލްގެ ރައީސް މުހައްމަދު ސައީދު އިއްޔެ އޭނާ އަށް ފޮނުވާފައިވާ ސިޓީގެ ކޮޕީއެއް ސަންއަށް ވަނީ ލިބިފަ އެވެ.