12 Oct 2022, 10:11
އަންނަ އަހަރު އޮސްކާ އެވޯޑަށް ފޮނުވަން ނިންމާފައިވާ ގުޖުރާތީ ފިލްމު، "ޗެލޯ ޝޯ" (ލާސްޓް ފިލްމު ޝޯ)ގެ ލީޑު އެކްޓަރު ކެންސަރު ބަލީގައި މަރުވެއްޖެއެވެ.
ޗެލޯ ޝޯގައި ފެންނަ ތަރިންގެ ތެރެއިން ލީޑް ރޯލެއް ކުޅޭ އުމުރުން 10 އަހަރުގެ ރާހުލް ކޯލީ ކެންސަރު ބަލީގައި މަރުވީ މި މަހު ދެ ވަނަ ދުވަހުއެވެ. މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ މަރުވީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮންނަތާ ހަތަރު މަހަށްފަހު، ގަދައަށް ހުން އައިސް ބަލިވެ އުޅުމަށްފަހުއެވެ. އޭނާ އަށް ޖެހުނީ ލެއަށް ޖެހޭ ކެންސަރު ކަމަށްވާ ލިއުކީމިއާ އެވެ.
މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޭނާ ދިޔައީ އޭނާގެ ފިލްމު ސްކްރީނުން ފެންނާނެ ދުވަހަކަށް އިންތިޒާރުކުރަމުންނެވެ. އަދި މި ފިލްމު ރިލީޒް ކުރުމުން އޭނާގެ ކުރިމަގު ލޯންޗުވީ ކަމަށް އޭނާ ބުނި ކަމަށްވެއެވެ.
ރާހުލްގެ ބައްޕަ ރާމޫ އެންޑީޓީވީ އަށް ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި މި ފިލްމުގެ ޕްރޮޑިއުސަރުން ރާހުލްގެ ފަރުވާ އަށް ހަރަދުކުރިއެވެ. އަދި ރާހުލް މުމްބައި އަށް ގެންގޮސް ފަރުވާ ދިނުމަށްވެސް މަސައްކަތްކުރިކަމަށްވެއެވެ.
އިންޑިއާގެ ފިލްމު ފެޑެރޭޝަނުން މި ފިލްމު ހޮވާފައިވަނީ ގިނަ ބަޔަކު އުއްމީދު ކުރި ވިވޭކް އަގްނިހޯތުރީގެ 'ދަ ކަޝްމީރް ފައިލްސް' އާއި އެސްއެސް ރާޖްމޯލީގެ 'އާރްއާރްއާރް' ފަހަތަށް ޖައްސާލުމަށް ފަހުގައެވެ. މި ދެ ފިލްމަކީ އިންޑިއާގެ އިތުރުން ބައިނަލްއަގުވާމީ ގޮތުން ވެސް ބޮޑު ތަރުހީބެއް ލިބުނު ދެ ފިލްމެވެ.
ޗެލޯ ޝޯ އޮސްކާސްއަށް ހުށަހަޅަން ފިލްމު ފެޑެރޭޝަނުން ނިންމުމާ ގުޅިގެން، ފިލްމުގެ ޑައިރެކްޓަރު ޕަން ނަލިން ބުނީ، މި ދުވަސް އަންނާނެ ކަމަށް ދުވަހަކުވެސް ހީ ނުކުރާ ކަމަށެވެ. އަދި މުޅި ދުނިޔެއިން ވެސް މި ފިލްމަށް ލޯބި ލިބިފައިވާއިރު އިންޑިއާގެ ސިނަމާތަކަށް ވެސް މި ފިލްމު ފެންނާނެ ކަމަށް ހީނުކުރާ ކަމަށް ޑައިރެކްޓަރު ބުންޏެވެ. މި ފިލްމާ ގުޅޭގޮތުން ފިލްމުގެ ޕްރޮޑިއުސަރު ސިދާތު ރޯއި ކަޕޫރު ބުނީ، މި ފިލްމުގެ ޒަރިއްޔާއިން އިންޑިއާ ދައްކުވައި ދިނުމުގެ ފުރުސަތު ލިބުނީތީ އުފާ ކުރާ ކަމަށެވެ.
'ޗެލޯ ޝޯ' އެންމެ ފުރަތަމަ ޕްރިމިއާކޮށްފައިވަނީ މިދިޔަ އަހަރު ޓްރިބެކާ ފިލްމު ފެސްޓިވަލްގައެވެ. މި ފިލްމު އިންޑިއާގެ ސްކްރީނުގައި އަޅުވަން ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ.