"ޕްލީޒް. ހުއްޓާލަލަބަ!" އިސްޖަހައިގެން އެއިން ގޮތަށް އިނދެ ނާޒިލް ބުނެލިއެވެ.

މިޝްޔާއާ ހަތަރުކަޅި ހަމަކޮށްލަންވެސް ނާޒިލްއަށް ނުކެރުނީ އޭނާ ސިއްރުކުރަމުން ދިޔަ ހަޤީގަތެއްގެ ސަބަބުންނެވެ. މިޝްޔާގެ ކަރުނައިގެ ސަބަބުން ނާޒިލްގެ ގަމީހުގެ މޭމަތި ވަނީ ތެމިފައެވެ. މިޝްޔާ ނޭފަތް އެތެރެއަށް ދަމައިލުމަށްފަހު, ތެދުވެލިއެވެ. އެއަށްފަހު އޭނާ ސޯފާގައި އިށީނދެ ކަރުނަތައް ފުހެން މަސައްކަތް ކުރިއެވެ. ޓިޝޫއެއް ނެގުމަށްފަހު, ނާޒިލް މިޝްޔާގެ ކަރުނަތައް ފުހެދިނެވެ. ނާޒިލްގެ އެ އަމަލުން މިޝްޔާއަށް ލިބުނީ ހައިރާންކަމެއް ނަމަވެސް، އޭނާގެ ހިތުގައި ނާޒިލްއާ މެދު އުފެދިފައިވާ އިޙްސާސްތައް ފުންވިއެވެ.

*****

ނިންމާލާފައި މިޝްޔާ މާކިންއަށް ގުޅައިލިއެވެ. މާކިން ފޯނު ބިޒީކޮށްލުމަށްފަހު, މެސެޖެއްކޮށްލިއެވެ.

"ނިމުނީތަ؟" އެމެސެޖުގެ ޖަވާބުގައި މިޝްޔާއާއެކޭ ބުނެލިއެވެ. މާކިން އަނެއްކާވެސް މެސެޖަށް ރިޕްލައިކޮށްލިއެވެ. އޭނާ ވަރަށް މުހިންމު ބައްދަލުވުމެއްގައި އިންކަމަށާއި ދާން އިރުކޮޅެއް ނަގާނެކަމުގައެވެ. މިޝްޔާ އޭނާ ދަނީކަމަށް ބުނެ މެސެޖްކޮށްލުމުން މާކިން އެދުނީ އެކަނި ނުދިޔުމަށެވެ. އޭނާ ދަންދެން މަޑުކުރުމަށެވެ. މިޝްޔާ އޭނާ ހުރީ ވަރަށް ވަރުބަލިވެފައިކަމަށް ބުނަމުން މާކިންއަށް މެސެޖެއްކޮށްލިއެވެ.

"ކިހިނެއްވީ؟ މާކިން ބިޒީވީ؟" ނާޒިލްއަށް މިޝްޔާގެ މޫނުމައްޗަށް އަރަމުން ދިޔަ ކުލަވަރުތައް މާނަ ކުރެވުމާއެކު ސުވާލުކޮށްލިއެވެ. މާކިން ބުނި ވާހަކަ ނާޒިލްއާ ހިއްސާ ކުރިވަގުތު ނާޒިލްގެ ފޯނު ވައިބްރޭޓްވިއެވެ.

"މާކިން..." މިޝްޔާއަށް ބަލައިލުމަށްފަހު, ނާޒިލް ބުނެލިއެވެ. މާކިންގެ މެސެޖުގައިއޮތީ އޭނާ ބިޒީތޯ ސުވާލުކޮށްފައެވެ. ނާޒިލް ނޫނެކޭ ބުނުމުން މާކިންގެ ދެވަނަ މެސެޖެއްވެސް އޭނާއަށް ލިބުނެވެ.

"މިޝްޔާ ދޮންބެ ބުނީ މިޝްޔާ ގެއަށް ގެންގޮސްދޭން. ހިނގާ ދާން" ނާޒިލް ބުނެލިއެވެ.

"ބިޒީއެއް ނޫންތަ؟ އަހަރެން އެކަނި ގޮސްފާނަމޭ..." މިޝްޔާ ބުނެލިއެވެ.

"މާކިން ބުނީމަ އަދި އަމްދުން އަހަންނަކަށް ނުކެރޭނެ މިޝްޔާ އެކަނި ފޮނުވާކަށް. ހިނގާ ދާން!" އެހެން ބުނެލުމަށްފަހު, ނާޒިލް ހިނގައިގަތުމުން މިޝްޔާވެސް އިތުރު އެއްޗެއް ނުބުނެ ނާޒިލް ފަހަތުން ހިނގައިގަތެވެ. ހޮސްޕިޓަލުން ނުކުންނަމުން ދިޔަ ދެމީހުން މިފަހަރުވެސް ރީމާގެ ލޮލުގައި އަޅައިގަތެވެ. ނާޒިލް ގޮސް އޭނާގެ ކާރު ޕާކިން ޒޯނުން ނެރެގެން އައިސް މަޑުކޮށްލުމުން މިޝްޔާ ކާރަށް އަރާ އިށީނެވެ.

ގެއަށް ދިޔަ މަގުމަތީގައި އެއްވެސް އިތުރު ވާހަކައެއް އެ ދެމެދުގައި ނުދެކެވުނު ނަމަވެސް، ލޯގަނޑުން ބޭރު ބަލަހައްޓައިގެން އިން މިޝްޔާއަށް އިރުއިރުކޮޅަކާ ނާޒިލް ބަލައިލައެވެ. ގެއާ ހިސާބަށް އާދެވުމުން ނާޒިލް މިޝްޔާއަށް ގޮވައިލުމަށްފަހު, ވާހަކަ ދެއްކިއެވެ.

"މިޝްޔާ... މި އާދެވުނީ..."

ޚިޔާލަަކަށް ގެއްލިފައި އިން މިޝްޔާ ސިހިފައި ނާޒިލްއަށް ބަލަައިލިއިރު ނާޒިލްވެސް އިނީ މިޝްޔާއަށް ބަލަހައްޓައިގެންނެވެ.

"ތޭންކްސް..." އެހެން ބުނެލުމަށްފަހު މިޝްޔާ ދޮރުފަތް ހުޅުވައިލަން އުޅުނު ވަގުތު, އަނެއްކާވެސް ނާޒިލް ވާހަކަ ދެއްކުމާއެކު މިޝްޔާއަށް އޭނާގެ ހަރަކާތްތައް މަޑުޖައްސައިލަމުން ނާޒިލްއަށް ބަލައިލެވުނެވެ.

"ބޭސް ކައިގެން ނިދައްޗޭ... އަހަރެން ދިނީމެއްނު މާ ބޮޑަށް އުނދަގޫވަންޏާ ބޭނުންކުރަން ބޭހެއް. މިރޭ އުނދަގޫވަންޏާ އެ ބޭސް ވެސް ކައިގެން ނިދާލާ!" ނާޒިލް ލުއި ހިނިތުންވުމެއް މިޝްޔާއަށް ހަދިޔާކޮށްލުމުން މިޝްޔާ ވެސް ރައްދުގައި ހިނިތުންވެލުމަށްފަހު ގޮސް, ގޭޓުން އެތެރެއަށް ވަނެވެ. މިޝްޔާ އެތެރެއަށް ވަނުމުން ގޭޓު ލައްޕައިލުމާއެކު, ނާޒިލް ކާރު ދުއްވައިލިއެވެ. ގޭތެރެއަށް ވަތް މިޝްޔާ ފުންނޭވާއެއް ދޫކޮށްލިއެވެ. ބޮޑު ކޮޓަރިތެރެއަށް ނަޒަރު ހުއްޓާލައިގެން އިރުކޮޅަކު ހުރުމަށްފަހު، އޭނާ ގޮސް ކޮޓަރިއަށް ވަދެފައި އެނދުގައި ޖައްސައިލީ އެއްޗިސް ވެސް ބަދަލުކުރުމެއް ނެތިއެވެ. ފުންނޭވާއެއްދޫކޮށްލަމުން ހަށިގަނޑުގައިވީ އުދާސްކަން ފިލުވައިލުމަށް މިޝްޔާ މަސައްކަތް ކުރަމުން ދިޔައެވެ. އެހެންނަމަވެސް، އޭނާއަށް އެއްވެސް ހިތްހަމަޖެހުމެއް ނުލިބުނެވެ. އަނެއްކާވެސް މާޒީގެ ޚިޔާލުތައް އައިސް އޭނާއަށް އުނދަގޫކުރަން ފެށިއެވެ.

ފަސް އަހަރު ކުރި

* * * * *

އެރޭގެ ހާދިސާއަށްފަހު, ޖެހިގެން އައި ދުވަހު މިޝްޔާ ހެނދުނު ސައި ބޯކަށްވެސް ނުތެދުވެއެވެ. ޒިޔާނާ ގޮސް ދޮރު ހުޅުވައިލިއިރު މިޝްޔާއަށް ނިދިފައި އޮތުމުން މިޝްޔާ ރޭގައިވެސް ދަންވަންދެން ފިލްމު ބަލަން އޮތީއޭ ހިތާ އޭނާ މިޝްޔާއަށް ގޮވުމުގެ ޙިޔާލު ދޫކޮށްލިއެވެ. މާކިންގެ ކޮޓަރީގައި ޒިޔާނާ ޓަކި ޖަހައިލުމަށްފަހު މަޑުކޮށްލިއެވެ. ދެފަހަރަކު މާކިންއަށް ގޮވައިލުމާއެކު, ބައްޕަމެން ސައިބޯން މޭޒު ދޮށުގައި ތިބިކަމަށް ޒިޔާނާ ބުނެލިއެވެ. މާކިން ކޮޓަރިން ނުކުމެލިއިރު، އޭނާ ހުރީ ރީތިވެގެންނެވެ.

"ކޮބާ މިޝޫ... ކީއްވެ މިއަދު މިޝޫ ގޮވަން ނައީ؟" މާކިން ސުވާލުކޮށްލުމާއެކު, ޒިޔާނާ މިޝްޔާ އޮތީ ނިދާފައިކަމަށް ބުނެލިއެވެ.

"މިޝޫ... ނިދަނީއޭ؟ ތީ ހާދަ ނުވާކަމެކޭ. އަނެއްކާ ބަލީތަ؟"މާކިން ސުވާލުކޮށްލިއެވެ.

"ނޫން. އެ ވާނީ ރޭގައި ފިލްމެއް ބަލަން އޮތީކަމަށް. " ޒިޔާނާ އެހެން ބުނެލި ނަމަވެސް އޭނާއަށް މާކިންގެ އެ ސުވާލާއެކު ވިސްނައިލަން މަޖުބޫރުވިއެވެ.

"ދަރިފުޅު ދޭ ތިރިއަށް. މަންމަ މި އަންނަނީ؟" މިޝްޔާއަށް ވީގޮތެއް ނުބަލާ ތިރިއަށް ދާން ޒިޔާނާ ހިތްހަމަ ނުޖެހުމާއެކު, އޭނާ އަނބުރާ ގޮސް މިޝްޔާގެ ކޮޓަރިއަށް ވަދެލިއެވެ.

"ދަރިފުޅާ... މިޝްޔާ!" ޒިޔާނާ ގޮވައިލިއެވެ. މިޝްޔާގެ މޫނުމަތީގައިވީ ކުލަވަރުތައް ފެނުމާއެކު ޒިޔާނާއަށް އަވަސް އަވަހަށް މިޝްޔާގެ ކަރުދޮށުގަޔާއި ނިތްކުރީގައި އަތް ޖައްސައިލެވުނެވެ. އަތް ޖައްސައިލި ބާރުމިނުގައި ޒިޔާނާއަށް އެ އަތް ދުރުކޮށްލެވުނީ މިޝްޔާ ހޫނުކަމުންނެވެ. އޭނާ އޮތީ ހުމާ ފިހިފައެވެ.

"މިޝްޔާ. ދަރިފުޅާ... ހޭލަބަލަ!" ޒިޔާނާ ހާސްވިއެވެ. މިޝްޔާއަށް ގޮވުމުން ވެސް ކުކުރައިލުން ފިޔަވާ އިތުރު އެއްޗެއް މިޝްޔާ ނުބުނެއެވެ. ޒިޔާނާ ކޮޓަރިން ބޭރަށް ބޯ ދިއްކޮށްލުމަށްފަހު, ބާރަށް މާކިންއާއި ރިފްއަތަށް ގޮވައިލިއެވެ. ޒިޔާނާ ގޮވާ އަޑަށް މޭޒު ދޮށުގައި ތިބެފައި ރިފްއަތާ މާކިންގެ އިތުރުން މިޝްޔާގެ ބޮޑުބޭބެވެސް މައްޗަށް އެރިއެވެ.

"ކިހިނެއްވީ ޒިޔާނާ؟" ރިފްއަތު ޒިޔާނާއާ ސުވާލުކޮށްލިއެވެ.

"މިޝޫ ވަރަށް ބޮޑަށް ހުން އައިސްފަ." ޒިޔާނާ ހާސްކަމާއެކު ބުނެލިއެވެ. މާކިން ވެސް ގޮސް މިޝްޔާގެ ކައިރީގައި ހުއްޓުނެވެ. އޭނާ މިޝްޔާގެ އަތުގައި ހިފައްޓައިލަމުން މިޝްޔާއަށް ގޮވައިލިއެވެ.

"އަތް ނުލާ! އަހަރެންގެ ގައިގައި އަތް ނުލާ. ދުރަށްދޭ!" މިޝްޔާ އެހެން ބުނެލިއިރު އެ އަޑުގައި ހުރި މަޑުމޮޅިކަމުންނާ އަޑު މަޑުކަމުން އެ އަޑު އިވުނީ ކިރިޔާއެވެ.

"ކީކޭ މިޝޫ...؟" މާކިން ސުވާލުކޮށްލިއެވެ. މިޝްޔާ އަނެއްކާވެސް އެ ބަސްތައް ތަކުރާރުކޮށްލިއެވެ. ރިފްއަތުގެ މޫނުމަތިން ވެސް ހާސްކަން ފެންނަމުން ދިޔައެވެ.

"ޑޮކްޓަރ ރާފިއުއަށް ގުޅަމާ..." ރިފްއަތު ބުނެލިއެވެ. ރާފިއުއަކީ އެމީހުންގެ އާއިލީ ޑޮކްޓަރެވެ.

"ގޭގައި ފަރުވާ ދެވިދާނެތަ؟ ހާދަހާއޭ ހުން ގަދައީ. ހިނގާ ހޮސްޕިޓަލަށް ގެންދަން." ޒިޔާނާ ބުނެލިއެވެ. ލޯބިވާ ދަރިފުޅު އެ ޙާލުގައިވީތަން ފެނުމުން އޭނާގެ ހިތަށް ކޮށްފައިވަނީ ފުން އަސަރެކެވެ. މިޝްޔާއަށް ވެފައި އޮތް ވަރު ފެނިފައި ބޮޑުބޭބެގެ މޫނުމަތިން ހާސްކަން ފެންނަމުން ދިޔައެވެ. ވަކިން ޚާއްސަކޮށް މިޝްޔާ ދެންމެ މާކިންއާ ދިމާލަށް ބުނެލި ބަސްތައް އަޑު އިވިފައެވެ.

"ގޭގައިވެސް އައިވީ ގުޅޭނެއެއްނު. އެގޮތެއް ނޫންތަ ރަނގަޅުވާނީ..." ބޮޑުބޭބެ އެެހެން ބުނެލުމުން އެކަމާ ޒިޔާނާ ދެކޮޅު ހެދިއެވެ.

"ނޫން. ރިފްއަތު. ގުޅާ ހޮސްޕިޓަލަށް..." ޒިޔާނާ އެހެން ބުނެލުމުން ރިފްއަތު އެންބިއުލާންސްއަށް ގުޅިއެވެ. މިޝްޔާ ހޮސްޕިޓަލަށް ގެންގޮސް ވަގުތުން އެމަރޖެންސީގައި ފަރުވާދޭން ފެށުނެވެ. އައިވީގެ އިތުރުން ހުމަށް ބޭސް ދިނުމަށްފަހު، ފެންފޮތިލައިގެން ހުން މަޑުކުރުމަށް ޑޮކްޓަރު އިރުޝާދު ދިނުމާއެކު ޒިޔާނާ އެކަން ކުރަން އަވަސްވެގަތެވެ. ރިފްއަތަށް އޮފީހުން ފޯނު ކޯލެއް އައީވެސް އެވަގުތެވެ. އޭނާ ނުދެވޭނެކަމަށް ބުނުމުން އެކޮޅުން ބުނެލި ވާހަކައަކުން ހާސްވާ ގޮތްވިއެވެ.

"ބަލާބަަލަ އިތުރު ގޮތެއް އެބައޮތްތޯ. މިގަޑީގައި އަހަންނަކަށް ނުދެވޭނެ." ރިފްއަތު ބުނެލިއެވެ.

"ސާރ. މި ޑީލް ނާކާމިޔާބު ވެއްޖެނަމަ ކުންފުންޏަށް އެތަކެއް ގެއްލުން ތަކެއް ވާނެ!" އެކޮޅުން ބުނެލިއެވެ. ރިފްއަތުގެ މޫނުމަތިން ކަމެއް ގޯސްވެެއްޖެކަމުގެ އަސަރުތައް ފެނުމާއެކު ޒިޔާނާ ވާހަކަ ދެއްކިއެވެ.

"އޯކޭއޭ ރިފްއަތު ގޮސްލިޔަސް. އަހަންނާ މާކިންއާ މިތިބީނު. ދެން ކަމެއް ޖެހިއްޖެއްޔާ ބޭބެ ވެސް ހުންނާނެއެއްނު. ގުޅާލެވޭނެއެއްނު." ޒިޔާނާ ބުނެލިއެވެ.

ރިފްއަތު މާކިންގެ ކޮނޑުގައި ޖަހައިލުމަށްފަހު، ދިޔުމުން، މާކިން ވެސް އެތަނުގައި ހުރި ގޮނޑީގައި އިށީނދެލިއެވެ. މިޝްޔާގެ ހުންގަނޑު ކިރިޔާވެސް މައިތިރިވާގޮތްވީ ތިން ގަޑިިއިރުވެސް ވީފަހުންނެވެ. ޑޮކްޓަރު އައިސް ބަލާފައި ހުން މަޑުވަމުންދާކަމުގައި ބުނެލިއެވެ.

މިޝްޔާއަށް ނިދިފައި ހޭލެވުމާއެކު ޒިޔާނާ މިޝްޔާއަށް ގޮވައިލިއެވެ.

"ދަރިފުޅާ!" މިޝްޔާއަށް ގޮވައިލި ޒިޔާނާ މިޝްޔާގެ ފަން އިސްތަށިގަނޑުގައި ފިރުމައިލިއެވެ. މިޝްޔާ ތެދުވަން އުޅުމުން ގޮޑިން ތެދުވެލާ މާކިން މިޝްޔާއަށް އެހީތެރިވެދިނެވެ.

ތެދުވެ އިށީން މިޝްޔާ ވަށައިގެން ބަލައިލިއެވެ. އޭނާ އަތަށް ވެސް ބަލައިލއިެވެ.

"ހޮސްޕިޓަލުގައޭ ތިއޮތީ... މިޝޫއާ ހެދި އެންމެން ކިރިޔާއޭ ބިރުން ހަލާކުނުވީ..." މާކިން ލާނެއްގޮތަކަށް އެހެން ބުނެލިއެވެ.

"ރަނގަޅުތަ މިހާރު؟ ހިނގާބަލަ ކުޑަކޮށް ކުރުބާ ފެންފޮދެއް ކަަހަލަ އެއްޗެއް ބޮައިލަން" ޒިޔާނާގެ އެ ސުވާލާއެކު މިޝްޔާއަށް ޒިޔާނާއަށް ބަލައިލެވުނެވެ. އޭނާގެ ދެލޮަލަށް ކަރުނަތައް ޖަމާވާން ނެގީ ހިނދުކޮޅެކެވެ. މިޝްޔާ ރޯން ފެށުމުން ޒިޔާނާ ކަންބޮޑުވިއެވެ. އޭނާ ތެދުވެލުމާއެކު މިޝްޔާ ޒިޔާނާގެ ގައިގައި ބައްދައިގަތެވެ.

(ނުނިމޭ)