ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަރުކޮޅުފުށި ހަފުލާތައް ބޭއްވުމަށް އާއްމުންނަށް ދޫކުރަން ފަށައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، (އެޗްޑީސީ)ން ބުނީ ފަރުކޮޅުފުށި ހުޅުވާލައި، ހަފުލާތައް ބޭއްވުމަށް އާއްމުންނަށް ދޫކުރަން ފެށީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ.

އެޗްޑީސީން މިހާރު ވަނީ ކައިވެނި ޕާޓީ ތަކާއި އުފަން ދުވަހުގެ ޕާޓީ އާއި އެފަދަ އެހެނިހެން ހަފުލާތައް ބޭއްވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ބުކިން ހެދުމަށް ހުޅުވާލާފައެވެ.

އެފަދަ ހަފުލާތައް ބޭއްވުމަށް ފަރުކޮޅު ފުށި ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން އެޗްޑީސީއަށް މެއިލް ކުރުމަށް ވަނީ އެދިފައެވެ.

މާލެ އަތޮޅު ފަރުކޮޅުފުށި --

ދެހާސް ސޯޅަ ވަނަ އަހަރު ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކައި ފަރުކޮޅުފުއްޓާއި ގުޅުވާލުމަށްފަހު، އެޗްޑީސީން ވަނީ އެކިއެކި ހަފުލާތައް ބޭއްވުމަށް އާއްމުންނަށް އެތަން ދޫކޮށްފައެވެ.

އާއްމު ހަފްލާތަކަށް ފަރުކޮޅުފުށި ކުއްޔަށް ދޫކުރުން މެދުކަނޑާލީ ކޮވިޑުގެ ޙާލަތު ރާއްޖޭގައި ގޯސްވުމުގެ ސަބަބުން ކޮވިޑް އައިސޮލޭޝަން ފެސިލިޓީއެއް އެތަނުގައި ގާއިމްކުރުމަށެވެ.

ފަރުކޮޅުފުށީގައި ކުރިން ހިންގީ ފަރުކޮޅުފުށި ރިސޯޓެވެ.