12 Oct 2022, 08:23
ޔޫއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީގެ "ގޯލު މެޝިން" ބެންޗުގައި ބައިންދައިގެން ކޮޕަންހޭގަންއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ރޭ ކޮޕަންހޭގަންގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެ މެޗުގެ ބޮޑުބައި ސިޓީ ކުޅެން ޖެހުނީ އެއް ކުޅުންތެރިއެއް މަދުކޮށްށެވެ.
މެޗުގެ 30 ވަނަ މިނެޓުގައި ސިޓީގެ ރިޔާދް މަހްރޭޒްއަށް ކުރި ފައުލަކާ ގުޅިގެން ކޮޕެންހޭގަންގެ ސާޖިއޯ ގޮމޭޒްއަށް ވަނީ ރަތް ކާޑު ދައްކައިފައެވެ.
ރޭގެ މެޗުގައި ސިޓީއަށް ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މެޗުގެ ފަސް ވަނަ މިނެޓުގައި ސިޓީގެ ޖެކް ގްރީލިޝް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖޫލިއަން އަލްވަރޭޒް ފޮނުވާލި ބާރު ހަމާލާ ދިޔައީ ގޯލު އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.
މެޗުގެ 25 ވަނަ މިނެޓުގައި ސީޓީއަށް ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީ މަހްރޭޒް ފޮނުވާލީ ބޭރަށެވެ. އެ ޕެނަލްޓީއަކީ ކޮޕަންހޭގަން ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީއެކެވެ.
މެޗުގެ 57 ވަނަ މިނެޓުގައި ކެވިން ޑިބްރޫނާ ވަނީ ބާރު ހަމަލާއެއް އުފައްދާފައެވެ. ގްރީލިޝްގެ އެހީތެރިކަމާއެކު އޭނާ ފޮނުވާލި އެ ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ.
އެ ނަތީޖާއާއެކު މެޗު ނިމުނު ނަމަވެސް ސިޓީއަށް ވަނީ ގަދަ 16ގެ ޖާގައެއް ކަށަވަރުވެފައެވެ. ސިޓީ ގްރޫޕް ޖީގެ އެއްވަނައިގައި އޮތީ 10 ޕޮއިންޓާއެކުއެވެ. އަދި ދެވަނައިގައި އޮތް ޑޯޓުމަންޑަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ތިންވަނައިގައި އޮތް ކޮޕަންހޭގަންއަށް ދެ ޕޮއިންޓު ލިބުނުއިރު ތާވަލުގެ ފުލުގައި އޮތް ސެވިއްޔާއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.