ރޫމޭނިއާ އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ކޮންސިއުލޭޓްގެ އޮނަރަރީ ކޮންސުލް އަކަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ޢައްޔަނުކޮށްފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ރޫމޭނިއާގެ އެމްބަސީން ނެރުނު ބަޔާނެއްގައެވެ.

އޮނަރަރީ ކޮންސުލްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ދިވެހި ދައުލަތުގެ އިދާރާތުގެ ފުރިހަމަ އެއްބާރުލެއްވުން އޮނަރަބަލް އަޙްމަދު ސިޔާމް މުޙައްމަދަށް ދެއްވުމަށް ވެސް ސްރީލަންކާގައި ހުންނަ ރޫމޭނިއާގެ އެމްބަސީން އެދިވަޑައިގެންފައި ވެއެވެ.

މީގެ އިތުރުން ރޫމޭނިއާގެ ފޮރިން މިނިސްޓަރު ބޮގްޑަން އައުރެޝްޗު ނެރުއްވި ބަޔާނެއްގައި ވަނީ ރާއްޖޭގައި ހުންނަވާ އެގައުމުގެ އޮނަރަރީ ކޮންސުލްގެ މަގާމަށް ސިޔާމް އައްޔަން ކުރެއްވިކަމަށް ވިދާޅުވެފައެވެ.

ރާއްޖެއާއި ރޫމޭނިއާގެ ގުޅުން މިހާރަށް ވުރެ ވަރުގަދަ ކުރުމަށާއި ރޫމޭނިއާގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރަން ޖެހޭ ކަންތައްތަކާ ގުޅުން ހުރި އިރުޝާދު ސިޔާމަށް ދެއްވާފައިވާނެ ކަމަށް އެ ބަޔާނުގައިވެއެވެ.

ރޫމޭނިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އޮނަރަރީ ކޮންސުލް ކަމަށް ދާދި ފަހަކާ ޖެހެންދެން ހުންނެވީ މުހައްމަދު މާހިރު ދީދީއެވެ.

ރޫމޭނިއާ އާއި ރާއްޖެއާ ދެމެދު ޚާރިޖީ ގުޅުންތައް ގާއިމުކުރީ 1979ގައެވެ.