އޭއެފްސީ ކަޕުގެ ގްރޫޕް ސީގައި މިރޭ ސައުދީ އަރަބިއްޔާގެ އަލް އިއްތިފާގާ ދެކޮޅަށް ނިކުންނައިރު، ކީޕަރުން ނެތުމުގެ ދަތިތަކާ ކުރިމަތިލާން ވީބީ އައްޑޫ އެފްސީއަށް ޖެހިއްޖެ އެވެ.

މިރޭގެ ބޮޑު މެޗާ ބެހޭގޮތުން ސަންއެފްއެމްގެ ކުޅިވަރު ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ވީބީގެ މެނޭޖަރު އިބްރާހިމް ރަޝީދު (ސަތޯ) ބުނީ، މިރޭގެ މެޗަށް ނިކުންނައިރު ދެ ކާޑު ހަމަވެގެން ސަސްޕެންސަންގައި ތިން ކުޅުންތެރިއަކު އެބަހުރި ކަމަށާއި އެގޮތުން އެކުޅުން ތެރިންނަކީ ކީޕަރު އަބުދުﷲ ޒިއަޒަން އާއި ފައިރޫޒް އާދަމް ސަމީރު އަދި ރައިޓް ޗާލްސް އެވެ.

"މެޗަށް ނިކުންނައިރު ތިން ކުޅުންތެރިއަކު ވަނީ ސަސްޕެންޝަންގައި. އޭގެ އިތުރުން މިދިޔަ ހަފުތާގައި ދެ ވަނަ ކީޕަރު ތޮލާލްއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނަވަނީ ވަނީ ލަންކާގައި އޮޕަރޭޝަނެއް ކޮށްފަ. ވީބީއަށް މިވަގުތު މިއޮތީ ކީޕަރުގެ ދަތިތަކާ ކުރިމަތިލާން ޖެހިފައި." ސަތޯ ބުންޏެވެ.

މިރޭގެ މެޗުގައި ވީބީގެ ގޯލް ބަލަހައްޓަން ނިކުންނާނީ ޓްރޭނަރު ހުސެން ހަބީބު ކަމަށް ވީއިރު، އަނިޔާގެ ސަބަބުން ޓީމުގެ އެންމެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ އިސްމާއިލް މުހައްމަދު (އިއްސޭ) އާއި ސެންގިޒް ހުސައިން ވެސް މިރޭގެ މެޗުގައި ނުފެންނާނެ ކަމަށް ރޭގެ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ސަތޯ ބުންޏެވެ.

މެޗުގެ ކުރީން އިއްޔެ އެފްއޭއެމް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ވީބީގެ ކޮޗް ތުރުކީގެ ޖޭން ވަންލީ ބުނީ، މާދަމާ މެޗުގެ ތިން ޕޮއިންޓަކީ ޓީމަށް ވަރަށް މުހިންމު ތިން ޕޮއިންޓު ކަމަށެވެ. އަދި އެމުހިންމު ކަމުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް މިރޭ ނިކުންނާނީ، އެކަން ހާސިލް ކުރުމުގެ ހެޔޮނިޔަތާއި އަޒުމުގައި ކަމަށް އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަންލީ ބުންޏެވެ.


މިމެޗަށް ނިކުންނައިރު ވީބީ އޮތީ، ގްރޫޕް ސީގެ ތިން ވަނާގައި އެއްޕޮއިންޓާއެކުގަ އެވެ. އަދި ވީބީއާ ދެކޮޅަށް ނިކުންނަ އަލް އިއްތިފާގު އޮތީ ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ އެއް ވަނާގަ އެވެ.