އެކި ބާވަތުގެ ކާރާއި ޕިކަޕު ފަދަ އުޅަނދު އުފައްދާ ޖަޕާނުގެ ނިސާން ކުންފުނިން ރަޝިޔާގައި ހިންގާ ވިޔަފާރި ހުއްޓާލުމަށްފަހު އެ ގައުމުން ފައިބަން ނިންމާފައިވާކަން އިއުލާންކޮށްފައެވެ.

އެ ކުންފުނިން ބުނީ ނިސާން ރަޝިއާއިން ފައިބާނީ ނިސާން މޯޓަ ކޯ ލިމިޓެޑުން ރަޝިޔާގައި ހިންގާ ވިޔަފާރި 1 ޔޫރޯ (0.97 އެމެރިކާ ޑޮލަރު)އަށް، ރަޝިއާ ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލުކުރުމަށް ފަހުގައި ކަމަށެވެ.

ނިސާން މެނުފެކްޗަރިން ރަޝިއާ އެލްއެލްސީގެ ހިއްސާ ވިއްކާލަނީ ދައުލަތުގެ ކުންފުންޏެއްކަމުގައިވާ ނާމީއަށް ކަމުގައި ނިސާން އިން ބުނެފައިވެއެވެ. މި އެއްބަސްވުމުގެ ސަބަބުން ނިސާނަށް ހަ އަހަރު ދުވަހުގެ ތެރޭގައި އެ ވިޔަފާރި އަނބުރާ ގަތުމުގެ ހައްގު ލިބިގެންދާނެ ކަމަށް ރަޝިޔާގެ އިންޑަސްޓްރީ އެންޑް ޓްރޭޑް މިނިސްޓްރީން ބުންޏެވެ.

ނިސާންގެ އެ ނިންމުމާއެކި އެ ކުންފުނި ވެފައި ވަނީ ރަޝިއާއިން މިދިޔަ ފެބްރުއަރީ މަހު ޔޫކްރޭން ހަނގުރާމަ ފެށި ފަހުން އެގައުމުގައި ވިޔަފާރި ކުރުން ހުއްޓާލި ބޮޑެތި ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏަށެވެ.

ނިސާންގެ އެ ނިންމުމަށް އެ ކުންފުނީގެ އެންމެ ބޮޑު ހިއްސާދާރު ކަމަށްވާ ފްރާންސްގެ ރެނޯލްޓް ކުންފުނިން ވެސް ވަނީ ތާއީދުކޮށްފައެވެ.

ނާމީއަށް ވިއްކާ ނިސާންގެ މުދަލުގެ ތެރޭގައި ރަޝިއާގައި ހުންނަ ނިސާންގެ އުފެއްދުންތަކާއި ރިސާޗް ފެސިލިޓީތަކުގެ އިތުރުން މޮސްކޯގައި ހުންނަ އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިން ސެންޓަރު ހިމެނޭނެ ކަމަށް އެ އެކުންފުނިން ބުނެއެވެ.

ނިސާނުން ބުނީ މިފިޔަވަޅުގެ ސަބަބުން ގާތްގަނޑަކަށް 100 ބިލިއަން ޔެން (687 މިލިއަން ޑޮލަރު)ގެ ގެއްލުމެއް އެކުންފުންޏަށް ލިބޭނެ ކަމަށެވެ. ނަމަވެސް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރު ނިމޭއިރު އެ ކުންފުނީގެ ހިއްސާގެ އަގުތައް ހަމައަކަށް އެޅި އާމްދަނީ އެއްވަރެއްގައި ހިފެހެއްޓޭނެކަމަށް އެކުންފުނިން ލަފާކޮށްފައި ބުނެފައިވެއެވެ.

ނިސާންގެ 43 ޕަސެންޓް ހިއްސާ އޮންނަ ރެނޯލްޓުން ލަފާކުރި ގޮތުގައި ނިސާންގެ އެ ނިންމުމުގެ ސަބަބުން މި އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު ސާފު އާމްދަނީއަށް 331 މިލިއަން ޔޫރޯގެ ގެއްލުން ލިބޭނެއެވެ.

އޮޓޯ ވެހިކަލް އުފެއްދުމުގައި މަޝްހޫރު ޖަޕާނުގެ އެހެން ކުންފުންޏެއް ކަމުގައިވާ "މިޓްސުބިޝީ މޮޓޯސް ކޯޕަރޭޝަނުން" ވެސް ރަޝިޔާއިން ފޭބުމަށް ވިސްނަމުންދާ ކަމަށް އެގައުމުގެ ނޫހަކުން ރިޕޯޓުކޮށްފައިވެއެވެ. އެހެންނަމަވެސް މިޓްސުބިޝީގެ ތަރުޖަމާނަކު ވިދާޅުވިކަމަށް އެނޫހުން ބުނެފައިވަނީ އެކަމަށް އަދި މިހާތަނަށް އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ.