12 Oct 2022, 08:27
ފުޓްސަލް އާއި ފުޓްބޯޅައިގެ އިތުރުންވެސް ތަފާތު އެކިކަހަލަ ކުޅިވަރުތައް އަތޮޅުގެ ރަށްތަކުގައި ކުޅެވޭނޭ މަގު ފަހިކޮށްދެމުން އަންނަކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
އަތޮޅުތެރޭގެ 28 ރަށެއްގައި ޤާއިމްކޮށްފައިވާ ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރުތަކަށް ބޭނުންވާ ބިލިއާޑް ބޯޑު ހަވާލުކުރުމުގެ ގޮތުން މޯލްޑިވްސް ޕޫލް ބިލިއާޑު އެސޯސިއޭޝްނުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ ކުޅޭނެ ޖާގަ އޮތްނަމަ ވީވަރަކުން މިކަހަލަ އެހީތައް ރަށްރަށަށް ވަމުންދާނޭކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިހާރުވެސް ބައެއް ރަށްރަށުގައި ޓީޓީ ސެންޓަރުތަކާއި ބެޑްމިންޓަން ކޯޓުތައް އެޅުމުގެ މަސައްކަތް ކުރިއަށްގެންދާކަމަށެވެ.

ކޮމިއުނިޓީ ސެންޓަރުތަކަށް ބޭނުންވާ ބިލިއާޑް ބޯޑު ރަށްރަށަށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ޔޫތް މިނިސްޓްރީ
ކޮމިއުނިޓީ ސެންޓަރުތަކަށް ބޭނުންވާ ބިލިއާޑް ބޯޑު ރަށްރަށަށް ފޮނުވުމުގައި ބަލާފައިވަނީ ޒުވާނުންގެ މަރުކަޒު ހުރި ރަށްރަށާއި ބިލިއާޑު ބޯޑު ހޯދުމަށް އެދިފައިވާ ރަށްރަށަށް ބަލައިގެންކަމަށްވެސް މިނިސްޓަރު މަހްލޫފް ވަނީ ވިދާޅުވެފައެވެ.

ކޮމިއުނިޓީ ސެންޓަރުތަކަށް ބޭނުންވާ ބިލިއާޑް ބޯޑު ރަށްރަށަށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ޔޫތް މިނިސްޓްރީ
ޔޫތް މިނިސްޓްރީން ބިލިއާޑު ބޯޑުތައް ހަވާލުކުރި ރަށްތަކަކީ ހއ. ކެލާ، މޮޅަދޫ، ފިއްލަދޫ، ދިއްދޫ، ތަކަންދޫ، ށ. ކޮމަންޑޫ، ފޯކައިދޫ، މާއުނގޫދޫ، ނ. ކެނދިކުޅުދޫ، ރ. އުނގޫފާރު، ކ. މާފުށި، ހިންމަފުށި، އދ. ފެންފުށި، ދިއްދޫ، މ. މުލައް، ދިއްގަރު، ފ. މަގޫދޫ، ތ. ތިމަރަފުށި، މަޑިފުށި، ގަން، މާބައިދޫ، ގއ. ވިލިނގިލި، ކޮލަމާފުށި، ދާންދޫ، ގދ. ހޯނޑެއްދޫ، ތިނަދޫ، މަޑަވެލި އަދި ސ. ހިތަދޫއެވެ. މީގެ އިތުރުން ހުޅުމާލެ އަށްވެސް ވަނީ ބިލިއާޑު ބޯޑެއް ހަވާލުކޮށްފައެވެ.