އިންޑިއާގައި މިއަދު ފެށި 17 އަހަރުން ދަށުގެ އަންހެނުންގެ ވޯލްޑް ކަޕް ހުޅުވުމުގެ ގޮތުން އިންޑިއާ އާއި އެމެރިކާ ބައްދަލުކުރި މެޗު، ތަފާތު ބޮޑު ނަތީޖާއަކުން އެމެރިކާ ކާމިޔާބުކޮށްފިއެވެ.

އެ މެޗު އެމެރިކާގެ ޓީމުން ކާމިޔާބުކުރީ 8-0ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އެމެރިކާއިން ވަނީ އިންޑިއާ ކޮޅަށް ފަސް ލަނޑު ޖަހާފައެވެ. އަނެއް ހަތަރު ލަނޑު ޖަހާފައި ވަނީ ދެވަނަ ހާފުގައެވެ. މެޗުގައި އެމެރިކާއަށް ގޯލް ހުޅުވާލަ ދިނީ ނުވަ ވަނަ މިނެޓް ތެރޭގައި މެލީނާ ރެބިމްބަސްއެވެ.

މެޗުގައި ދެން އެމެރިކާއަށް ލަނޑުތައް ޖަހައިދިނީ ޝާލޮޓް ކޯލާ، އޮނީޔެކާ ގަމޭރޯ، ޖިޒެލް ތޮމްސަން، އެއްލަ އެމްރީ، ޓޭލާ ސުއަރެޒް، އަދި މިއާ ބޫޓާ އެވެ. މެޗުގައި މެލީނާ ވަނީ ދެ ލަނޑު ޖަހާފައެވެ.

ގޯލް ޖެހުމަށްފަހު ޖިޒެލް ތޮމްސަން ޓީމު ކުޅުންތެރިންނާއިއެކު އުފާ ފާޅުކުރަނީ-- ފޮޓޯ/ގެޓީ އިމޭޖް

މެޗު ފަށައިގެން އިންޑިއާ ކުޅުންތެރިންވެސް ވަނީ ކައުންޓަ އެޓޭކުގައި ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. މިގޮތުން އިންޑިއާ ޓީމުގެ ނީޓޫ ލިންދާ އާއި ނެހާ ވަނީ އެމެރިކާގެ ޑިފެންސް ލައިނަށް އުނދަގޫކޮށްފައެވެ.

މިރޭގެ މެޗަކީ އެމެރިކާގެ 17 އަހަރުން ދަށުގެ އަންހެނުންގެ ފުޓްބޯޅަ ޓީމަށް ލިބުނު އެންމެ ބޮޑު މޮޅެވެ. އަނެއް ކޮޅުން މިއީ އިންޑިއާގެ ތާރީޚުގައި ވެސް 17 އަހަރުން ދަށުގެ އަންހެން ޓީމު މިހާ ތަފާތުބޮޑު ނަތީޖާއަކުން ބަލިވި ފުރަތަމަ ފަހަރެވެ.

ސަތާރަ އަހަރުން ދަށުގެ އަންހެނުންގެ ވޯލްޑްކަޕް ގްރޫޕް އޭގެ ދެވަނަ މެޗުގައި ބްރެޒިލް އާއި މޮރޮކޯ ބައްދަލުކުރި މެޗު 0-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބްރެޒިލް އެވެ.