12 Oct 2022, 13:12
ޑިސްކައުންޓް އަގުތަކުގައި ގިނަ ބަޔަކު ބެޓެރި ގަންނަކަން ފާހަގަކުރެވިފައިވާ ކަމަށާއި އެގޮތަށް ބެޓެރި ގަންނަ އިރު ސަމާލުވާން ޖެހޭ ކަމަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)އިން ބުނެފިއެވެ.
އެފްބީއައިގެ މައިގަނޑު މަސައްކަތަކީ އެގައުމުގެ ރައްޔިތުންނަށް ކުރިމަތިވެދާނެ ނުރައްކާތަކުން ނުވަތަ މަކަރުވެރިންގެ ހީލަތްތެރި ރޭވުންތަކުން ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން ސަރުކާރަށް ބޭނުންވެއްޖެ ހިނދެއްގައި ޖާސޫސީ މައުލޫމާތު ފޯރުކޮށްދިނުމެވެ.
އެހެންކަމުން އަގުހެޔޮކޮށް ބެޓެރީ ގަންނަ ފަރާތްތަކަށް ލިބިދާނެ ގެއްލުމެއް އެފްބީއައިއަށް ފާހަގަވެ، އެ ނުރައްކާ އޮތް މިންވަރު ހާމަކޮށްދޭން އެފްބީއައިއިން މިހާރު ވަނީ އިއުލާނެއް ނެރެފައެވެ.
އެފްބީއައިއިން ނެރުނު އާންމު ސަލަމާތާ ބެހޭ އެންގުމެއް (ޕީއެސްއޭ)ގައި ވަނީ، ބެޓެރީގެ ވަގު އުފެއްދުންތައް ނުވަތަ ބޭނުން ކުރަން ނުރައްކާތެރި އުފެއްދުންތައް ވިއްކުން އިތުރުވެފައިވާކަން އެ ބިއުރޯއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
ބެޓެރި އުފައްދާ ފަރާތްތަކުން ވިއްކާ އޮރިޖިނަލް ބެޓެރީގެ ބަދަލުގައި އަގުހެޔޮ ބެޓެރީ ގަތުމުން ކޮންމެވެސް ވަރަކަށް ފައިސާ ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދުގައި އަގުހެޔޮ ބެޓެރީ ހޯދުމަށް މީހުން ބަލާފާނެއެވެ.
ނަމަވެސް އެފްބީއައިއިން އިންޒާރު ދެނީ މާ އަގުހެޔޮކޮށް ހުންނަ ބެޓެރި ބޭނުން ކުރުމުން ނުރައްކަލާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. އެ ބިއުރޯއިން ބުނާ ގޮތުގައި ބައެއް ފަރާތްތަކުން އުފައްދާ ފޭކް ބެޓެރީތަކުގެ ސަބަބުން ބެޓެރި އަޅާފައިވާ ޑިވައިސް މާ ހޫނުވުމާއި، އޭގެ މަސައްކަތް ދަށްވުމާއި، ޑިވައިސްތަކަށް ގެއްލުންވުން ފަދަ ހާލަތްތައް ދިމާވެދާނެ ކަމަށެވެ.
އެފްބީއައިއިން އެދިފައި ވަނީ ގާނޫނުތަކާ އެއްގޮތަށް ހިންގާ، އިތުބާރު ކުރެވޭ ތަންތަނުން އުފައްދާ ބެޓެރީ ގަތުމަށެވެ. އެއީ އެފަދަ ބެޓެރީތައް ފުރިހަމައަށް ޓެސްޓްކޮށްފައި ހުންނާނެތީ އާއި އެއީ ކޮންމެ އުފެއްދުމެއްގައި ވެސް ބޭނުން ކުރަން ރައްކާތެރި ބެޓެރީތަކަށް ވާނެތީއެވެ.

އެފްބީއައި އިން ވަނީ ބެޓެރީ އަގުހެޔޮވުމުގެ ނުރައްކާ އޮތް ކަމާއި، ވަގު އުފެއްދުންތައް ނުވަތަ ނުރައްކާތެރި އުފެއްދުންތައް ވިއްކުން އިތުރުވަމުންދާތީ ހޭލުންތެރި ވުމަށް އެދިފަ --
އެފްބީއައިގެ އެ އެންގުމުގައި ވަނީ ބައެއް ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ. އެގޮތުން ބެޓެރި ގަންނަ އިރު ރަނގަޅަށް ޕެކޭޖްކޮށްފައި ނުވާ ބެޓެރި އާއި ގޯސްކޮށް ލޭބަލްކޮށްފައިވާ ބެޓެރި ނުގަތުމަށް އެ ބިއުރޯއިން އެދެއެވެ.
ހަމައެއާއެކު ފަސޭހައިން ނައްޓާލެވޭފަދަ ލޭބަލްތައް ހުރުމާއި އެ އުފެއްދުމެއްގެ ރަސްމީ ބެޗް ނަންބަރުތައް ނެތުމަކީ ފޭކު އުފެއްދުންތަކުން އާންމުކޮށް ފާހަގަވާ ކަންތައްތައް ކަމަށް އެންގުމުގައިވެއެވެ.
އެ އެންގުމުގައި ވަކި ބްރޭންޑްތަކެއްގެ ބެޓެރީ ގަންނަން ބުނެފައި ނުވިނަމަވެސް އާންމުކޮށް އިތުބާރު ކުރެވޭ ބައެއް ބްރޭންޑްތަކުގެ ތެރޭގައި ޑޫރަސެލް، އެނާޖައިޒާ، އަދި ރޭއޮވެކް ހިމެނެއެވެ.