ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫސްތަކުގެ ތެރެއިން ގަވައިދުން ނުނެރޭ ނޫސްތަކަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އިންތިޚާބުގައި ވޯޓު ނުލެވޭ ގޮތް ހަދައިފިއެވެ.

މީޑިއާ ކައުންސިލަށް މެމްބަރުން އައްޔަން ކުރަނީ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް ފަހު އޮންލައިން މީޑިއާތަކުގެ މެދުގައި ވޯޓު ނަގައިގެންނެވެ. އެމްއެމްސީގެ ގަވައިދުގައި މީގެ ކުރިން އޮންނަ ގޮތުން އެ އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ހުރިހާ އޮންލައިން މީޑިއާއަކަށްވެސް ލިބެއެވެ.

ހޯމް މިނިސްޓްރީން ދިން މައުލޫމާތަށް ބަލާއިރު އޮންލައިން މީޑިއާތަކުގެ އަދަދު މިހާރު 200އަށްވުރެ އިތުރެވެ. އެހެންކަމުން އެމްއެމްސީގެ ގަވައިދު އެގޮތަށް އޮތުމުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން އެމްއެމްސީން ގެނައި އިސްލާހުގައި ވަނީ މީޑިއާ ކައުންސިލުގެ އިންތިޚާބަށް އިއުލާންކުރާ ތާރީޚުގެ ކުރިން، މަދުވެގެން އެއް އަހަރުގެ މުއްދަތަށް ހަމަޖެހިފައިވާ އުސޫލުން ނެރެމުންނުދާ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓަރުންނަށް އެ އިންތިޚާބުގައި ބައިވެރިވުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ.

އެ އިންތިޚާބަށް އިއުލާން ކުރާ ތާރީޚާއި އެ ތާރީޚުގެ ކުރިއަށް ހަ މަސްދުވަހާ ދެމެދުގެ މުއްދަތުގައި ރަޖިސްޓްރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓަރުންނަށް ވެސް އެ ފުރުސަތެއް މިހާރު ނޯންނާނެއެވެ.

ހަމައެއާއެކު އެ ކައުންސިލުގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ނުކުރެވޭނެ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕީއެސްއެމްގެ މީޑިއާތައް ފިޔަވައި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކާއި ދައުލަތުގެ މުވައްސަސާތަކުގެ މަސްއޫލުވެރިކަމުގެ ދަށުގައި ރަޖިސްޓްރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓަރުންނެވެ.

އެ އިސްލާހުގައި ވާގޮތުން އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީކުރާ ފަރާތް ހިމެނޭ ވަގުތީ ލިސްޓު އިންތިޚާބު ބާއްވާ ދުވަހުގެ މަދުވެގެން 18 ދުވަސް ކުރިން އިއުލާންކުރަން ވާނެއެވެ. އަދި އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 24 ގަޑިއިރުގެ މުއްދަތެއް ލިބޭނެ ކަމަށްވެސް އެ އިސްލާހުގައިވެއެވެ.

މީގެ އިތުރުން، ހުށަހަޅާ ޝަކުވާތަކަށް ރިޔާއަތްކުރުމަށްފަހު، އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ މަދުވެގެން 15 ދުވަސް ކުރިން އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީކުރާ ފަރާތްތައް ހިމެނޭ ދާއިމީ ލިސްޓެއް އިއުލާން ކުރަންވާނެ ކަމަށް އެ އިސްލާހުގައިވެއެވެ.

އެމްއެމްސީގައި ޖުމްލަ އަށް މެމްބަރުން ތިބޭއިރު މެމްބަރުންގެ ދައުރު ހަމަވާނީ ކޮންމެ ދެ އަހަރަކުންނެވެ.

އެންމެ ފަހުން އެ ކައުންސިލަށް މެމްބަރުން އައްޔަންކުރީ 2020 ވަނަ އަހަރެވެ. އެ ކައުންސިލްގެ މި ދައުރު ހަމަވާނީ މި އަހަރުގެ ނޮވެމްބަރު މަހެވެ.