އިންސާނީ ހަމަހަމަކަމާއި އެންމެންގެ އަސާސީ ހަމަހަމަ ކަމަކީ ޑިމޮކްރަސީގެ މައިގަނޑު އަސާސްތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ މެމްބަރުކަމަށް ރާއްޖެ އިންތިޚާބު ވުމާ ގުޅިގެން މިރޭ ރައީސް އިނގިރޭސިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއީ މި ގައުމުން ފަޚުރުވެރިވާ ކަމެއް ކަމަށެވެ. އަދި އެ ކާމިޔާބީއާ ގުޅިގެން ރައީސް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެ މިނިސްޓްރީގެ މުޅި ޓީމަށް މަރުހަބާ ދެންނެވިއެވެ.

މިއީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ރާއްޖެ އިންތިޚާބުވި ތިންވަނަ ދައުރެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ މެމްބަރު ކަމަށް ރާއްޖެއާއެކު އިންތިޚާބުވީ ކިރިގިސްތާނު، ވިއެޓްނާމް އަދި ދެކުނު ކޮރެއާއެވެ. އިންތިޚާބު ނުވަނީ އަފްޣާނިސްތާނާއި ބަންގްލަދޭޝްއެވެ.

ތިން ވަނަ ދައުރަކަށް މިފަހަރު ރާއްޖެ އިންތިޚާބުވީ 154 ގައުމެއްގެ ވޯޓާއެކުއެވެ.

އެންމެ ފުރަތަމަ ފަހަރު އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ރާއްޖެ އިންތިޚާބުވީ ޖުމުލަ 185ގައުމެއްގެ ތާއީދާއެކު ކަމަށްވާއިރު ދެވަނަ ދައުރަކަށް ރާއްޖެ ހޮވުނީ 164ގައުމެއްގެ ތާއީދާއެކުއެވެ.

ރާއްޖެ އެންމެ ފުރަތަމަ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ހޮވުނީ 2010ވަނަ އަހަރެވެ. އެއީ 185 ގައުމެއްގެ ތާއީދާއެކުގައެވެ. އޭގެ ފަހުން 2011 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ހަމައަށް ރާއްޖެ އެ ކައުންސިލުގެ މެމްބަރުކަން ކުރީ، 164 ގައުމެއްގެ ތާއިދާއެކު ހޮވިގެންނެވެ.

ހަމައެއާއެކު އޭޝިއާ ޕެސިފިކް ގައުމުތަކުގެ މަންދޫބުގެ ގޮތުގައި އެ ކައުންސިލުގެ ނައިބު ރައީސްކަން ވެސް ރާއްޖެ ވަނީ ކޮށްފައެވެ.

މީގެ އިތުރުން ނިމިދިޔަ ދައުރުގައި އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތުގައި ހުންނެވީ ޝާހިދެވެ.

ޝާހިދު އެ މަގާމަށް އިންތިޚާބުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14ވަނަ ދުވަހު، އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.

އެ މަގާމަށް ޝާހިދު އިންތިޚާބުވީ އާންމު މަޖިލީހުގައި ނެގި ވޯޓެއްގައި 143 ވޯޓު ހޯއްދަވައިގެންނެވެ. އެ މަގާމަށް އޭނާއާ ވާދަކުރެއްވި އަފްޣާނިސްތާނުގެ ކުރީގެ ޚާރިޖީ ވަޒީރު ޑރ. ޒަލްމާއީ ރަސޫލްއަށް ލިބުނީ 48 ވޯޓެވެ.

އެއީ ރާއްޖޭގެ ތާރީޚުގައި ވެސް ބައިނަލްއަގުވާމީ މަޖިލީހެއްގެ އެހާ އިސްމަގާމަކަށް ދިވެއްސަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ.