އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ މެމްބަރު ކަމަށް ތިންވަނަ ދައުރަކަށް ރާއްޖެ އިންތިޚާބުވެއްޖެއެވެ.

އެ އިންތިޚާބުގައި ޖުމުލަ ހަ ގައުމަކުން ކުރިމަތިލައިފައިވެއެވެ. އޭގެ ތެރެއިން ހޮވާނީ ހަތަރު ގައުމެކެވެ.

އދ. އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ މެމްބަރު ކަމަށް ރާއްޖެއާ އެކު އިންތިޚާބުވީ ކިރިގިސްތާނު، ވިއެޓްނާމް އަދި ދެކުނު ކޮރެއާއެވެ. އިންތިޚާބު ނުވަނީ އަފްޣާނިސްތާނާއި ބަންގްލަދޭޝްއެވެ.

ތިން ވަނަ ދައުރަކަށް މިފަހަރު ރާއްޖެ އިންތިހާބުވީ 154 ގައުމެއްގެ ވޯޓާއެކުއެވެ.

އެންމެ ފުރަތަމަ ފަހަރު އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ރާއްޖެ އިންތިޚާބުވީ ޖުމުލަ 185ގައުމެއްގެ ތާއީދާއެކު ކަމަށްވާއިރު ދެވަނަ ދައުރަކަށް ރާއްޖެ ހޮވުނީ 164ގައުމެއްގެ ތާއީދާއެކުއެވެ.

ރާއްޖެ އެންމެ ފުރަތަމަ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ހޮވުނީ 2010ވަނަ އަހަރުއެވެ. އޭގެ ފަހުން 2011ވަނަ އަހަރުން ފެށިގެން 2016ވަނަ އަހަރާ ހަމައަށް ރާއްޖެ އެ ކައުންސިލުގެ މެމްބަރުކަން ކުރިއެވެ.

ހަމައެއާއެކު އޭޝިއާ ޕެސިފިކް ގައުމުތަކުގެ މަންދޫބުގެ ގޮތުގައި އެ ކައުންސިލުގެ ނައިބު ރައީސްކަން ވެސް ރާއްޖެ ވަނީ ކޮށްފައެވެ.

މީގެ އިތުރުން ނިމިދިޔަ ދައުރުގައި އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތު ވެސް ފުރީ ރާއްޖެއިންނެވެ. އެއީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ.

ޝާހިދު އެ މަގާމަށް އިންތިޚާބުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14ވަނަ ދުވަހު، އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.

އެ މަގާމަށް ޝާހިދު އިންތިޚާބުވީ އާންމު މަޖިލީހުގައި ނެގި ވޯޓެއްގައި 143 ވޯޓު ހޯއްދަވައިގެންނެވެ. އެ މަގާމަށް އޭނާއާ ވާދަކުރެއްވި އަފްޣާނިސްތާނުގެ ކުރީގެ ޚާރިޖީ ވަޒީރު ޑރ. ޒަލްމާއީ ރަސޫލްއަށް ލިބުނީ 48 ވޯޓެވެ.

އެއީ ރާއްޖޭގެ ތާރީޚުގައި ވެސް ބައިނަލްއަގުވާމީ މަޖިލީހެއްގެ އެހާ އިސްމަގާމަކަށް ދިވެއްސަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ.