ސަރުކާރުން މަސްވެރިންނަށް ކުރާ ޖެއްސުމާ ދެކޮޅަށް ކަމަށް ބުނެ، ޕީޕީއެމްއާއި ޕީއެންސީން "ލޭނާރު"ގެ ނަމުގައި އިއްޔެ ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި 10 މީހުންގެ ތެރެއިން ނުވަ މީހަކު ކޯޓުން މިނިވަންކޮށްފިއެވެ.

މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ހަތް އަންހެނުންނާއި ތިން ފިރިހެނުންނެވެ.

ހައްޔަރުކުރި 10 މީހުންގެ ބަންދާ މެދު ވަކި ގޮތެއް ނިންމުމަށް މުއްދަތު މަޖިލީހަށް މިއަދު ހާޒިރު ކުރުމުން އޭގެ ތެރެއިން ނުވަ މީހުން ދޫކޮށްލުމަށްފަހު، ބަންދުގައި ބަހެއްޓުމަށް ކޯޓުން ނިންމީ ޕީޕީއެމް، ޔޫތު މެންބަރު އަލީ އިޒްހާނެވެ.

އިޒްހާންގެ ބަންދަށް ކޯޓުން ދިނީ ތިން ދުވަހުގެ މުއްދަތެކެވެ.

މަސްވެރިންގެ ހައްގުގައި އަޑު އުފުލުމަށް އިއްޔެ އިދިކޮޅުން ބޭއްވި މުޒާހަރާގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްގެން މުޒާހަރާ ރޫޅާލި ކަމަށް ބުނެ، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުޙައްމަދު ލަތީފް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަނެ، ވަނީ ބޭރުކޮށްލާފައެވެ.

މައްސަލަ ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ އެ މުޒާހަރާގައި އެތައް ބަޔަކު ހައްޔަރުކޮށް، ކަނބަލުންގެ ކަރާމާތް ނަގާލި މައްސަލަ ކުށްވެރިކޮށް އެ މައްސަލަ ތަހުގީގު ކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

އިއްޔެގެ މުޒާހަރާގެ ބައިވެރިންގެ ޝުއޫރު ފައުޅުކުރުމުގެ ގޮތުން ބުނަމުން ދިޔައީ ސަރުކާރުން މަސްވެރިންނަށް މާލީ ގޮތުން ގެއްލުން ދެމުންދާ ކަމަށާއި އެކަން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި މަސްވެރިން ބާނާ މަހަށް ހަމަ އަގު ދިނުމަށް ވެސް އެ މީހުން ގޮވާލިއެވެ.