އެސްޓީއޯ އެލައިޑް އިމާރާތުގައި ހުޅުވުމަށް ނިންމާފައިވާ އެސްއެމްއީ ހަބުން ވިޔަފާރި ކުރުމުގެ ފުރުސަތު ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)އިން ހުޅުވާލައިފިއެވެ.

ކުދިި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރެވުމަށް އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބީސީސީއިން އެ ކޯޕަރޭޝަނުން ޗާންދަނީ މަގު އެސްޓީއޯ އެލައިޑް އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ހުޅުވުމަށް ނިންމާފައިވާ އެސްއެމްއީ ހަބުން ކިއޯސްކެއް ކުއްޔަށް ނަގައިގެން ވިޔަފާރިކުރުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާކަމަށެވެ.

އެސްއެމްއީ ހަބްގެ ކިއޯސްކްގެ ނަމޫނާއެއް--

ބީސީސީން މިފަހަރު ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ކިއޮސްކުތައް ޚާއްސަ ކޮށްފައި ވަނީ ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ފަރާތްތަކަށެވެ. ފުރަތަމަ ފަންގިފިލާގައި 16 ކިއޯސްކް ހިމެނޭއިރު، މިތަންތަނުގެ އަގުތައް އުޅެނީ 8,000 ރުފިޔާއިން ފެށިގެން 12،500 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައެވެ. ކިއޮސްކްތަކުގެ ބޮޑުމިން އުޅެނީ 37 އަކަފޫޓާއި 60 އަކަ ފޫޓާއި ދެމެދުގައެވެ.

ކިއޮސްކުތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ އާދިއްތަ ދުވަހާއި ހޯމަ ދުވަހުގެ މެންދުރު 2:00އިން ހަވީރު 5:00އަށް އެތަން ބަލާލުމުގެ ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެސްއެމްއީ ހަބްގެ ކިއޯސްކްގެ ނަމޫނާއެއް--

ބީސީސީން ބުނީ، މިފަދަ ހަބެއް ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ އެކި ދާއިރާތަކުން ވިޔަފާރި ކުރާ މީހުންނަށް ވިޔަފާރީގައި ކުރިއަށް ދެވޭނެ މަގުތައް ހޯދައި ދިނުމާއި، މި ވިޔަފާރިތައް އިތުރު ހަރުފަތްތަކަށް ގެންދިއުމަށް އެހީތެރިވެދިނުންކަމަށެވެ.

ނަމަވެސް އެ ހަބް ރަސްމީކޮށް ހުޅުވާނެ ދުވަހެއް ބީސީސީން އަދި ރަސްމީކޮށް ހާމަނުކުރެއެވެ.