ފ. އަތޮޅު ހޮސްޕިޓަލުގައި ބަލި މީހުންނަށް އޮކްސިޖަން ފޯރުކޮށްދިނުމުގެ މަަސައްކަތް ހަރުދަނާ ކުރުމަށް އެ ހޮސްޕިޓަލުގައި ސެންޓްރަލް އޮކްސިޖަން، މެޑިކަލް އެއާ އެންޑް ވެކިއުމް ސިސްޓަމެއް ގާއިމްކުރުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ މަސައްކަތް ހަވާލުކޮށްފައި ވަނީ މެޑްލޭންޑް ޕްރައިވެޓް ލިމިޓެޑާއެވެ. އެކަމާ ބެހޭ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސިނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަބްދުﷲ ހަންނާނެވެ.

މެޑްލޭންޑް ޕްރައިވެޓް ލިމިޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ފަތުހުﷲ އަލީއެވެ.

ފ. އަތޮޅު ހޮސްޕިޓަލުގައި ސެންޓްރަލް އޮކްސިޖަން، މެޑިކަލް އެއާ އެންޑް ވެކިއުމް ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތް ކުރުމަށް ހަވާލު ކޮށްފައިވަނީ ކޮންޓްރެކްޓް އުސޫލުންނެވެ. އެ މަސައްކަތްކަތް ކުރުމަށް ހަރަދުވާނެކަމަށް ލަފާކޮށްފައިވަނީ ޖުމްލަ 2.3 މިލިއަން ރުފިޔާއެވެ.

..ހއ. ވަށަފަރު ސިއްހީ މަރުކަޒު ތައްރަގީ ކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ހެލްތު މިނިސްޓްރީ

ހެލްތު މިނިސްޓްރީން މިއަދު ވަނީ ހއ. ވަށަފަރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއި ވަށާފާރު ރޭނުމުގެ މަސައްކަތް ކުރުމަށް ވެސް ބަޔަކާ ހަވާލުކޮށްފައެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސަމާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

އެކަމާ ބެހޭ އެއްބަސްވުމުގައި ސަމާޒްގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ޑިރެކްޓަރު މަރިޔަމް ޖުނާން އެވެ.

މި މަސައްކަތް ވެސް ހަވާލުކޮށްފައި ވަނީ ކޮންޓްރެކެޓް އުސޫލުން ނިންމާ ގޮތަށެވެ.

އެ މަސައްކަތަށް ހަރަދުވާނެ ކަމަށް ނިންމާފައިވަނީ ޖުމްލަ ދެ މިލިއަން ރުފިޔާއެވެ.

އެ ދެ މަަސައްކަތް ވެސް ހަވާލު ކޮށްފައިވަނީ 150 ދުވަހުގެ ތެރޭގައި ނިންމާ ހަވާލުކުރާ ގޮތަށެވެ.