ދިރާގާއި ދިވެހިރާއްޖޭގެ މަސްވެރިންގެ ޖަމުއިއްޔާ ގުޅިގެން 'ޔަންގް ފިޝާސް ކްލަބް' ތައާރަފުކޮށްފިއެވެ.

ދިރާގުން ބުނީ އެ ކްލަބުގެ ޒަރިއްޔާއިން މަސްވެރިކަމާއި ކަނޑުގެ މާހައުލާއި، ދެމެހެއްޓެނިވި އާދަކާދަތައް ދަރިވަރުންނަށް ތައާރަފުކޮށް އަސާސީ މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި އެ އާދަތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ދަސްކޮށްދެވޭނެ ކަމަށެވެ.

ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ އެ ޕައިލެޓް ޕްރޮގްރާމް އިފްތިތާހު ކޮށްފައިވަނީ ހއ. އިހަވަންދޫ ސްކޫލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެ ސްކޫލްގައި މި ކްލަބް ރަސްމީކޮށް އިފްތިތާހު ކޮށްފައިވަނީ ގްރޭޑް ހަތެއް އަދި އަށެއް ގެ 52 ދަރިވަރުންނާއެކުއެވެ.

އޭގެ ތެރޭގައި 30 އަންހެން ކުދިންނާއި 22 ފިރިހެން ކުދިން ހިމެނޭ ކަމަށް ދިރާގުން ބުނެއެވެ. އެގޮތުން އެ ކްލަބުން ކުދިންނަށް މަސްވެރިކަމުގެ ސިނާއަތާ ބެހޭ އެކި މައުލޫމާތު ދަސްކޮށްދޭނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ހޭންޑްސް އޮން ޕްރެކްޓިކަލް ސެޝަންތަކަކުން ކަން ދިރާގުން ފާހަގަކުރެއެވެ.

ދިރާގުން ބުނީ އެ ސެޝަންތަކުގެ ޒަރިއްޔާއިން ދަރިވަރުންނަށް ރާއްޖޭގެ މަސްވެރިކަމުގެ ތާރީޚާއި، ކަނޑުގެ މާހައުލާއި، މޫސުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ޑިޒާސްޓާ މެނޭޖްމެންޓްއާއި ބަޔޯޑައިވާސިޓީއާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، ފަސްޓް އެއިޑް، މަސްވެރިކަން މެނޭޖްކުރުމާއި، ޕޯސްޓް ހާބަޓް ޓެކްނޮލޮޖީއާއި، ނެވިގޭޝަން އަދި ކޮމިއުނިކޭޝަން ސްކިލްސް ކިޔާދެވޭނެ ކަމަށެވެ.

ދިރާގުގެ މެނޭޖަރު ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވީ ޒުވާނުން ކުރިއަރުވާ ބާރުވެރިކުރުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގައި ވަރަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެވިފައިވާ ދާއިރާއެއް ކަމަށެވެ.

"މި މުހިންމު ޕްރޮގްރާމަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި އަޅުގަނޑުމެންގެ އުންމީދަކީ މި ޕްރޮގްރާމްގެ ސަބަބުން ދެމެހެއްޓެނިވި އާދަކާދަތަކާއި ޓެކްނޮލޮޖީތަކަށް ކުދިން އަހުލުވެރިވުމުގެ އިތުރުން ކަނޑުގެ މާޙައުލަށް ހުރި ގޮންޖެހުންތައް ދެނެގަނެ މި ދާއިރާއިން ކުރިއަށް ދިއުމަށް ޒުވާނުން ބާރުވެރިކުރުވުން،" ބިޝާރާ ވިދާޅުވިއެވެ.

އެ ކްލަބު ތައާރަފު ކުރުމާ ގުޅިގެން ދިވެހިރާއްޖޭގެ މަސްވެރިންގެ ޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަބްދުالله ޝާކިރު މުހައްމަދު ވިދާޅުވީ ރާއްޖޭގެ ޒުވާން ޖީލު މަސްވެރިކަމުގެ ސިނާއަތަށް ބާރުވެރިކޮށް އެ ދާއިރާ މުޅިން އައު ހަރުފަތަކަށް ގެންދިޔުމަށް ފެށުނު އެ މުހިންމު ޕްރޮގްރާމަށް ދިރާގުން ދޭ އެއްބާރުލުމާއި އެހީއަށް ޝުކުރު އަދާކުރާ ކަމަށެވެ.

"މި ޕްރޮގްރާމަކީ މަސްވެރިކަމުގެ ދާއިރާ މިހާރަށްވުރެ ޕްރޮފެޝަނަލް، އިތުބާރުކުރެވޭ، އަދި ހީވާގި މަސައްކަތްތެރިން އުފައްދާ، ދިވެހި މަސްވެރިކަމުގެ ސިނާއަތް ކުރިއަށްދިޔުމަށް އެޅިގެންދާނެ ވަރަށް މުހިންމު ފިޔަވަޅެއްކަން ޔަގީން،" އޭނާ ވިދާޅުވިއެވެ.

ދިރާގުން ބުނީ ޔަންގް ފިޝާސް ކްލަބުގެ ހަރަކާތްތައް މުޅި ދިރާސީ އަހަރުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ހަރަކާތްތަކުގެ ތެރޭގައި ފިޝަރީޒް ހާވެސްޓިންއާއި ޕޯސްޓް ހާވެސްޓިން ދާއިރާއާއި ސަސްޓެއިނަބިލިޓީ ޕްރެކްޓިސްތަކާ ގުޅޭ ޕްރޮގްރާމްގެ ތެރެއިން ދިރިއުޅުމުގެ ހުނަރުތަކާ ގުޅޭ މުހިންމު ދާއިރާތަކަށް ވެސް އަލިއަޅުވާލާނެ ކަމަށް ދިރާގުން ބުނެއެވެ.