11 Oct 2022, 15:41
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯއަކަށް ބޭންކިން ދާއިރާގައި 36 އަހަރު މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ބޭފުޅެއް އެ ކުންފުނިން އައްޔަންކުރަން ނިންމައިފިއެވެ.
ބީއެމްއެލްއިން ބުނިގޮތުގައި، އެ ކުންފުނީގެ އާ ސީއީއޯއަކަށް އައްޔަން ކުރީ ކާލް ސްޓުމްކަ ކިޔާ ބޭފުޅެކެވެ. އޭނާ އަކީ ދެކުނު އެފްރިކާއަށް ނިސްބަތްވާ މީހެކެވެ.
ކާލް ސްޓުމްކަ އަކީ ބޭންކިން ދާއިރާގައި 36 އަހަރު މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާއަކީ މީގެކުރިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ހުންނަ އަލް އަހްލީ ބޭންކް އޮފް ކުވައިތުގެ ސީއީއޯގެ މަގާމު ވެސް ފުރުއްވި ބޭފުޅެކެވެ.
ދެހާސް ދިހަވަނަ ވަނަ އަހަރު އަލް އަހްލީ ބޭންކް އޮފް ކުވައިތުއާ ގުޅިވަޑައިގެން އެބޭންކުގެ އިންޓަނޭޝަނަލް ބޭންކިންގެ ޖެނެރަލް މެނޭޖަރުގެ ގޮތުގައި އޭނާ ވަނީ ފުޅާދައިރާއެއްގައި ކޯޕަރޭޓް ޕޯޓްފޯލިއޯ ބަލަހައްޓަވާފައެވެ. މި މަގާމުގައި ހުންނެވުމަށްފަހު އެ ބޭންކުގެ ޔޫއޭއީގައި ހިންގަމުންދާ އޮޕަރޭޝަންސްގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތީ 2017 ވަނަ އަހަރުގައެވެ.
އަލް އަހްލީ ބޭންކް އޮފް ކުވައިތުއާ ގުޅިވަޑައިގެންނެވުމުގެ ކުރިން ކާލް ހުންނެވީ ބަޙްރެއިންގައި ހުންނަ ބޭންކް މަސްކަޓް އިންޓަނޭޝަނަލްގެ ރީޖަނަލް ކޯޕަރޭޓް ޑައިރެކްޓަރުގެ މަގާމުގައެވެ. މި މަގާމުގައި އޭނާ ވަނީ އެ ބޭންކުގެ ކޯޕަރޭޓް، ކޮމާޝަލް، އެސްއެމްއީ އަދި އިސްލާމިކް ބޭންކިން ޚިދުމަތްތައް ބަލަހައްޓަވާފައިވެއެވެ. އަދި ކާލްވަނީ ބާކްލޭސް ބޭންކް މޮރިޝަސްގެ ރީޖަނަލް މެނޭޖިން ޑަރިރެކްޓަރު، އިންޑިއަން އޯޝެންސްގެ މަގާމުވެސް އަދާކުރައްވާފައެވެ.
ކާލް ސްޓުމްކަ ވިދާޅުވީ މަގާމަށް ހަވާލުވުމަށް ފަހު ބޭންކުގެ ބޯޑާއި، އެގްޒެކްޓިވް މެނޭޖްމަންޓުގެ އިތުރުން މުވައްޒަފުންގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ބޭންކުގެ ސްޓެރެޓެޖީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް މަސައްކަތްކުރާނެކަމަށެވެ. އަދި އީޖާދީ ބަދަލާއި އިތުރުފުރިހަމަކަމެއް ބޭންކުގެ ޕްރޮޑަކްޓްތަކާއި ޚިދުމަތްތަކަށް ގެނެސް ކަސްޓަމަރުން އުއްމީދުކުރާ ވަރަށް ވުރެ ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމަކީ އޭނާގެ އަމާޒުކަމަށް ކާލް ސްޓުމްކަ ވިދާޅުވިއެވެ.
"ބީއެމްއެލް އަކީ ވަރަށްވެސް ކާމިޔާބު ތާރީޚެއް އޮތް ބޭންކެއް. އަދި ބޭންކް އޮފް މޯލްޑިވްސް އާއި އެ ބޭންކުން ދިވެހި ރައްޔިތުންނަށް އެހީތެރިވުމަށް އަދާކުރަމުންދާ މަސައްކަތްތަކުގައި ބައިވެރިވުމަށް އަޅުގަނޑު މިހިރީ ތައްޔާރަށް،" ކާލް ސްޓުމްކަ ވިދާޅުވިއެެވެ.
ކާލް ވަނީ ބާކްލޭސް ބޭންކް ޓެންޒޭނިއާގެ އެގްޒެކްޓިވް ޑައިރެކްޓާ ޝިޕްގެ މަގާމު ފުރުއްވާފައެވެ. އަދި އެކި އިދާރާތަކުގައި ނޮން އެގްޒެކްޓިވް ޑައިރެކްޓަރު ޝިޕްގެ މަގާމުތައް އަދާކުރައްވާފައިވެއެވެ. މީގެ ތެރޭގައި މަނީ އޮން ޑިމާންޑް، ބާކްލޭސް ލީސިން އަދި ބާކްލޭސް ބޭންކް ސީޝެލްސް ހިމެނެއެވެ.
ކާލް އަކީ ޗާޓަޑް އިންސްޓިޓިއުޓް އޮފް ބޭންކާސްގެ (ސައުތު އެފްރިކާ) އެސޯސިއޭޓެކެވެ. އޭނާވަނީ ޔުނިވާސިޓީ އޮފް ސައުތު އެފްރިކާއިން އެކައުންޓިންގ ސައިންސްގެ ރޮނގުން ބެޗެލާސް ޑިގްރީ ހާސިލްކުރައްވާފައެވެ. ފްރާންސް، ސްވިޒަރލޭންޑް އަދި ސައުތު އެފްރިކާގައި އޭނާ ވަނީ އެގްޒެކްޓިވް ޕްރޮގްރާމްތައްވެސް ފުރިހަމަކުރައްވާފައެވެ.