ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރަން، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގެ ބިލު ކޮމިޓީއަށް ފޮނުވައިފިއެވެ.

މެންބަރު ޝިފާއު ހުށަހެޅުއްވި އެ ބިލު މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގަތް މެންބަރުންގެ ތެރެއިން 32 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލު ބަލައިގަތުމަށް ނުފެންނަ ކަމަށް އަށް މެމްބަރަކު ވޯޓު ދެއްވިއެވެ. އޭގެތެރޭގައި ހިމެނެނީ އެމްޑީޕީގެ 31 މެންބަރުންނާއި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދެވެ.

ސަރުކާރުން މިހާރު ގެންނަން އުޅޭ އިސްލާހުގައި ވަނީ ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑުކުރުމާއެކު ޖީއެސްޓީ އަށް ޕަސެންޓަށް ބޮޑު ކުރާށެވެ.

އެ ބަދަލުތައް އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ގެންނަން ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. ޖީއެސްޓީއަށް މިހާރު ނަގަމުން އަންނަނީ ހަ ޕަސެންޓެވެ. ޓޫރިޒަމްގެ ދާއިރާއިން ނަގާ ޓީޖީއެސްޓީން މިހާރު ނަގަމުން އަންނަނީ 12 ޕަސެންޓެވެ.

އެ ބިލަށް ބަހުސް ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ފަގީރުންނާއި މުއްސަނދިންނާ ދެމެދުގައިވާ ފަރަގު ކުޑަކުރަންޖެހޭ ކަމަށެވެ.

ޖީއެސްޓީ ބޮޑު ކުރުމަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ރިޔާޒު ވިދާޅުވީ އާއްމު ރައްޔިތުންގެ އަތުން މިހާރު ނަގަމުން އަންނަ ޓެކްސް ބޮޑުކޮށްފި ނަމަ، އެމީހުން އިތުރަށް ފަގީރުވެ، އުޅެންޖެހޭނީ ލިބޭ އެއްޗަކުން ދެކޮޅުނުޖެހިގެން ކަމަށެވެ.

އެ ބިލަށް ފާޑުކިޔުއްވާ އިދިކޮޅު މެންބަރު ބަހުސް ކުރައްވާފައިވާއިރު އެ މެމްބަރުން ވިދާޅުވީ މިވަގުތަކީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރަން ރަނގަޅު ވަގުތެއް ނޫން ކަމަށެވެ.