އއ. މާޅޮހުގެ ދެކުނުން ލޯންޗެއް ބަންޑުން ޖަހާލާ ހިނގި ހާދިސާގައި ގެއްލުނު ސ. ހިތަދޫ، މިންހާ، މުހައްމަދު މިންހާޖު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ހުއްޓާލައިފިއެވެ.

އުމުރުން 28 އަހަރުގެ މިންހާޖު ހޯދުމަށް އެމްއެންޑީއެފުން ވަނީ ވައިގެ މަގުން 750 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައެވެ. އަދި ކަނޑުމަތިން 270 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައި ވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މިދިޔަ ބުރާސްފަތި ދުވަހު މާލެއިން ފުރައިގެން އއ. އުކުޅަހަށް ދަތުރުކުރަނިކޮށް ޚަބަރެއް ނުވެގެން ރިޕޯޓުކޮށްފައިވާ އެ ލޯންޗު ބަންޑުންޖަހާލާފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހު މާޅޮސް ކައިރިންނެވެ. އެ ލޯންޗުން ދަތުރުކުރި ދެ މީހުންގެ ތެރެއިން އެކަކު ފެނުނީ ފެރިދޫ ފުއްޓަރު ފަރާތުންނެވެ.

ފުލުހުން ބުނީ ފެރިދޫ ފުއްޓަރު ފަރާތުން ފެނުނު މީހާއަށް އެރަށު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު އާއިލާގެ އެދުމަށް އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެނައި ކަމަށެވެ. އަދި ފަރުވާއަށް ފަހު އޭނާ ވަނީ ދޫކޮށްލައިފައެވެ.