އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ 10 ވަނައިގައި އޮތް ލިވަޕޫލަށް މި ފަހަރު އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އެއް ކުޅުންތެރިޔާ، ލުއިސް ޑިއާޒަށް އަނިޔާވެ ލިވަޕޫލަށް އިތުރު ހާސްކަމެއް ކުރިމަތިވެއްޖެއެވެ.

އޭނާއަށް އަނިޔާވީ މިދިޔަ އާދިއްތަ ދުވަހު އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުގެ 42 ވަނަ މިނެޓުގައި ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ދަނޑުން ބާލައިފައެވެ.

އެ މެޗުގައި ލިވަޕޫލްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ފުލް ބެކް ޓްރެންޓް އަލެކްސަންޑާ އާނޯލްޑަށް އަނިޔާވެ އޭނާ ވެސް ވަނީ ބަދަލުކޮށްފައެވެ.

މި ސީޒަނުގައި ލިވަޕޫލްގެ ގިނަ ކުޅުންތެރިންތަކަކަށް ވަނީ އަނިޔާގެ މައްސަލަތައް ކުރިމަތިވެފައެވެ. އެގޮތުން އެލެކްސެންޑާ ޗެމްޕަލިންނާއި، މިޑްފީލްޑަރު ނަބީ ކެއިޓާ، އާތުރު މޭލޯ، ކާޓިސް ޖޯންސް ހިމެނެއެވެ. އެ ލިސްޓަށް ޑިއާޒް އިތުރު ވުމުން އެ ޓީމަށް ވަނީ އިތުރު ހާސްކަމެއް ކުރިމަތިވެފައެވެ.

އޭނާއަށް ކުރިމަތިވެފައިވާ އަނިޔާގެ ތަފްސީލުތައް ދެނެގަތުމަށް ހެދި ޓެސްޓުތަކުން ހާމަވީ އޭނާއަށް އެންމެ އަވަހަށް ކުޅުމުގައި ބައިވެރި ވެވޭނީ ވޯލްޑުކަޕަށް ފަހުގައިކަމެވެ. މި އަހަރުގެ ވޯލްޑުކަޕަށް ކޮލަމްބިއާ ކޮލިފައިވެފައެއް ނުވެއެވެ. އެހެންކަމުން ޑިއާޒަށް ވަނީ މިއަހަރުގެ ވޯލްޑްކަޕް ގެއްލިފައެވެ.

މި ސީޒަނަކީ ލިވަޕޫލްގެ ފަހުގެ ތާރީޚްގައި އެހައި ދަށް ނަތީޖާއަކުން ލީގު ފަށަން ޖެހުނު ފުރަތަމަ ސީޒަނެވެ. މި ސީޒަނުގައި ކުޅުނު އަށް މެޗުން ލިބުނު 10 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 10 ވަނައިގައެވެ.