11 Oct 2022, 14:35
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ދެކުނުގެ އަތޮޅުތަކަށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ.
ޔެލޯ އެލާޓް ނެރެފައިވަނީ ވ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށެވެ.
މެޓް އޮފީހުން ނެރުނު ޔެލޯ އެލާޓްގައި ބުނެފައި ވަނީ ވ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ރަށްތަކުގެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
މިއަދު 13:00 އިން ފެށިގެން 19:00 އާ ހަމައަށް ކ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ރަށްތަކަށް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން މިއަދު ވަނީ ވ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ވައިޓް އެލާޓް ވެސް ނެރެފައެވެ.
މިދުވަސްވަރު ރާއްޖެއަށް ކުރާ ވިއްސާރާގައި މޫސުން ގޯސްވާނެތީ ކަނޑުދަތުރުކުރާ މީހުން މޫސުމަށް ޚާއްސަ ސަމާލުކަންދިނުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ އިލްތިމާސްކޮށްފައެވެ.