މިދިޔަ މަހު ރާއްޖެއަށް އެއް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް އިމިގްރޭޝަނުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ނެރެ އާއްމުކޮށްފައިވާ، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު އަންގައިދޭ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ރާއްޖެއަށް ވަނީ 111،986 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު، 2،910 ފަތުރުވެރިންގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 111،896 އެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ރަޝިއާ އާއި އިންޑިއާ އާއި އިނގިރޭސިވިލާތުންނެވެ. މި މުއްދަތުގެ ތެރޭގައި ރަޝިއާއިން ރާއްޖެއަށް 20،341 ފަތުރުވެރިން ޒިޔާރަތްކުރިއިރު، އަވައްޓެރި އިންޑިއާއިން ވަނީ 15،394 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި މިދިޔަ މަހު އިނގިރޭސިވިލާތުން ވަނީ 8،852 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

މިދިޔަ މަހު އާ މާކެޓްތަކުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ. މިގޮތުން މިއަހަރުގެ އޮގަސްޓު މަހާ އަޅާބަލާއިރު، މިދިޔަ މަހު އޮސްޓްރޭލިއާ އަދި އެމެރިކާގެ ގައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ.

ކުރިއަށް އޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަން ކަމުން ކުރިއަށްއޮތް ދުވަސްތަކުގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެއެވެ.