ޑްރަގްގެ ބޮޑެއް ކަމަށް ބުނާ ގދ. ހޯޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު ދުބާއީން ޑީޕޯޓް ކޮށްލުމުން ރާއްޖެ ގެނެސް ހައްޔަރުކޮށްފިއެވެ.

'ސަން' އަށް އެނގިފައިވާ ގޮތުގައި އޭނާ ރޭގެ ވަގުތެއްގައި ރާއްޖެ ގެނެސްފައިވަނީ ލަންކާ މަގުންނެވެ. ޑީޕޯޓްކޮށް އޭނާ ލަންކާއަށް ފޮނުވާލީ ދުބާއީ އިންނެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ހައިކޯޓުގެ އަމުރެއް ތަންފީޒު ކުރުމުގެ ގޮތުން އަރުޝަދު މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ފުޅާދާއިރާއެއްގައި އެތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުން ތުހުމަތު ކުރާ އަރުޝަދު ވަނީ 2020 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮށްފައެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރި ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއެކު އޭނާ ވަނީ މިނިވަންވެފައެވެ. އެ މައްސަލަ ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

އޭގެފަހުން މަސްތުވާތަކެތީގެ އިތުރު މައްސަލައެއްގައި އޭނާ ހައްޔަރުކުރަން ބެލިއިރު ދުބާއީއަށް ގޮސް ވަނީ ފިލައިފައެވެ.

އެއީ މިދިޔަ އަހަރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބުރުޒުމަގުގައި ޕާކްކޮށްފައި އޮތް ޓެކްސީއަކުން އަތުލި މަސްތުވާތަކެތީގެ މައްސަލައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ސައިކަލެއްގެ މަޑިދަށުން ވެސް މަސްތުވާތަކެތި ހޯދިއެވެ. އެ ހުރިހާ މަސްތުވާތެކެތީގެ ޖުމްލަ ބަރުދަން 100 ކިލޯއަށްވުރެ މައްޗެވެ.

އެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމަށްފަހު އަރުޝަދުގެ އިތުރުން އޭނާގެ ޑްރަގް ނެޓްވޯކްގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ މުޙައްމަދު އަކްރަމް އަބްދުލް ހަންނާން ވެސް ވަނީ ރާއްޖޭން ފުރައިގެން ގޮސްފައެވެ.