11 Oct 2022, 10:33
ހައްޖުގެ އަޅުކަން އަދާކުރުމަށް ދާ އަންހެން ހައްޖުވެރިންނާއެކު މީގެ ފަހުން މަހްރަމެއް ހުރުން ލާޒިމް ނޫން ކަމަށް ސައުދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ. ތައުފީގު އަލް-ރާބިއާ ވިދާޅުވެއްޖެވެ.
ހޯމަ ދުވަހު ސައުދީ އެމްބަސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. ތައުފީގު ވިދާޅުވީ މީގެ ފަހުން ދުނިޔޭގެ ހުރިހާ ހިސާބަކުން ވެސް އަންނަ އަންހެން ހައްޖުވެރިންނަށް މަހްރަމަކާ ނުލައި، އެ އަޅުކަން އަދާ ކުރެވޭނެ ކަމަށެވެ.
ފާއިތުވި 2021 ވަނަ އަހަރު މަހްރަމަކާ ނުލައި ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ސައުދީ ސަރުކާރުގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ދިނުމާއެކު އެކަމަށް ގިނަ ބައެއްގެ ސަމާލުކަމަށް އައެވެ.
ކުރީގެ ގަވައިދު އޮންނަ ގޮތުން އުމުރުން 45 އަހަރުން ދަށްނަމަ އެކަނި ދިޔުމުގެ ހުއްދަ އެއް ނުލިބެއެވެ. އަންހެނާގެ މަހްރަމުންނަކީ ނަސަބުގެ ގާތްކަމުން އެ އަންހެނާއާއި އަބަދުގެ އަބަދަށް ކައިވެނި ހުއްދަ ނުވާ މީހުންނެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ޑރ. ތައުފީގު ވިދާޅުވީ އުމްރާގެ އަޅުކަން އަދާކުރުމަށް އަންނަ މީހުންގެ އަތުގައި ކޮންމެ ކަހަލަ ވިސާއެއް އޮތް ނަމަވެސް އެ އަޅުކަން އަދާކުރެވޭނެ ކަމަށެވެ. ހައްޖާ އުމްރާގެ އަޅުކަން އަދާކުރުމަށް ހިނގާ ޚަރަދު ކުޑަކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެ މިނިސްޓަރު ވިދާޅުވީ އެ މައްސަލައަކީ ވަރަށް ގިނަ ކަންތައްތަކާ ގުޅިފައިވާ މައްސަލައެއް ކަމަށެވެ.
މިނިސްޓަރު ވަނީ ދެ ޙަރަމްފުޅަށް ޒިޔާރަތްކުރަން ބޭނުންވާ ފަރާތްތަކަށް މިނިސްޓްރީން ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ޒަމާނީ ޓެކްނޮލޮޖީތައް ތަޢާރަފްކޮށް ބޭނުންކުރުމާ ގުޅޭގޮތުން ސައުދީން ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.
"އޭގެ ތެރޭގައި ހައްޖުވެރިންނަށް ބައެއް ހިދުމަތްތައް ފޯރުކޮށްދިނުމަށް ރޮބޮޓް ތައް ބޭނުން ކުރުމާއި، ނުސްކް ޕްލެޓްފޯމް ތަރައްގީ ކުރުން ހިމެނޭ. އެ ޕްލެޓްފޯމް މެދުވެރިކޮށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އުމްރާ ވުމަށް ބޭނުންވާ ހުއްދަ ބުކް ކުރެވޭނެ، އޭގެ ފަހުން 24 ގަޑިއިރު ތެރޭގައި ވިސާ ނެގޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.