11 Oct 2022, 11:46
ގެވެށި އަނިޔާ ހުއްޓުވުމުގެ ތިން ވަނަ ޤައުމީ ސިޔާސަތު ކަނޑައެޅުމަށްޓަކާ، ގެވެށި އަނިޔާ ތަހަންމަލްކޮށްފައިވާ މީހުނާއި އާންމުންގެ ޚިޔާލު ހޯދަން ވެބިނާއެއް ބާއްވަން, ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން, ނިންމައިފިއެވެ.
މިކަމާ ގުޅިގެން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ބުނީ މި ވެބިނާ ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 9:00 ގައި ކަމަށެވެ. އެހެންކަމުން މި ވެބިނާގައި ބައިވެރިވާން ބޭނުންވާ މީހުން މާދަމާ 12:00ގެ ކުރިންރަޖިސްޓްރީވުމަށްއެ އޮތޯރިޓީން އެދެއެވެ.
އެ ވެބިނާގައި 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެއެވެ.
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ބުނީ ޤައުމީ ސިޔާސަތެއް ކަނޑައެޅުމަށް އެންމެ މުހިންމު ކަމަކީ ގެވެށި އަނިޔާ ތަހަންމަލުކޮށްފައިވާ މީހުންގެ ވާހަކަ އަޑުއަހާ، އެ މީހުންގެ ޚިޔާލާއި މަޝްވަރާ ހޯދުން ކަމަށެވެ.
ގައުމީ ސިޔާސަތު ކަނޑައެޅުމުގެ މަސައްކަތް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ކުރަނީ ލޯކަލް ކޮންސަލްޓެންޓެއްގެ އެހީތެރިކަމާއެކުއެވެ. ގެވެށި އަނިޔާ ހުއްޓުވުމުގެ ތިން ވަނަ ޤައުމީ ސިޔާސަތު ކަނޑައަޅަން ނިންމާފައި ވަނީ 2017-2021 އަށް އެކުލަވައިލި ގެވެށި އަނިޔާ ހުއްޓުވުމުގެ ގައުމީ ސިޔާސަތުގެ ތަންފީޒީ މުއްދަތު މިހާރު ހަމަވެފައިވާތީއެވެ.