03 Apr 2012, 14:14
އެމްޑީޕީގެ އަސާސީ ގަވާއިދުން ޕާޓީގެ ޝެޑޯ ކެބިނެޓެއް އައްޔަން ކުރުމަށް ޖާގަދިން ނަމަވެސް ގައުމުގެ މިހާރު އޮތް ހާލަތުން އެކަމަށް ޖަގަނުދޭ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާޝަން ރީކޯ މޫސަ މަނިކު ވިދާޅުވެއްޖެ އެވެ.
މޫސައާ ހަވާލާދީ އެމްޑީޕީގެ ވެބްސައިޓުގައި ބުނެފައިވަނީ އެމްޑީޕީ ވެރިކަމުގައި ނޯންނައިރު ޕާޓީގެ ހިޔަނި ކެބިނެޓެއް އޮންނަން ޖެހޭނެ ކަމަށް ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވަނީ ބަރުލަމާނީ ނިޒާމަށް ވިސްނައިގެން އެގާނޫނު އަސާސީ ބައްޓަންކޮށްފައި އޮތް އިރު ކަމަށެވެ. ނަމަވެސް ރާއްޖޭގެ ރައްޔިތުން ތާއީދުކުރަނީ ރިޔާސީ ނިޒާމަކަށް ކަން ކަނޑައެޅުމުން، އެޕާޓީން އެންމެ ފަހުން ބޭއްވި ކޮންގްރެސްގައި އަސާސީ ގަވާއިދަށް އިސްލާހުތަކެއް ހުށަހަޅާފައިވާއިރު އެއިސްލާހުތަކުގައި ބައެއް ކަހަލަ ފުށުއެރުންތަކެއް ހުރުމުން އެމައްސަލަތައް ހައްލުކުރުމަށް ތިން މެންބަރުންގެ ކޮމިޓީއެއް ނަގާފައިވާ ކަމަށް މޫސަ ވިދާޅުވި އެވެ. އަދި އެކޮމިޓީން ގައުމީ މަޖިލީހަށް ރިޕޯޓް ހުށަހަޅެމާ ހަމައަށް ގޮސްފައިވާއިރު އެރިޕޯޓްގައި ރިޔާސީ ބަޔާނަށް ފެތޭ ގޮތަށް އެމައްސަލަތައް ހައްލުކޮށްފައިވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.
"ޝެޑޯ ކެބިނެޓެއް އައްޔަންކުރަން އެމްޑީޕީގެ އަސާސީ ގަވައިދު ތަންދިން ނަމަވެސް ގައުމު މިހާރު މިއޮތް ހާލަތަށް ބަލާއިރު އެމްޑީޕީގެ ވެރިކަން ނިމުމަކަށް އައިސްފައިވާ ކަމަކަށް ބުއްދީގެ ހަމަތަކުން ރައްޔިތުން ގަބޫލެއް ނުކުރޭ. އެހެން ވީމާ ކޮން ޝެޑޯ ކެބިނެޓެއްތޯ އެމްޑީޕީން އައްޔަންކުރެއްވީ. އަޅުގަނޑަށް ޔަގީން އެމްޑީޕީގެ ރައީސް މި ޕާޓީގެ އަސާސީ ގަވައިދާ ހިލާފް ކަމެއް ނުކުރައްވާނެ. އަދި މިހާތަނަށް ވެސް ޕާޓީގެ ރައީސް ނެތް އެފަދަ ކެބިނެޓެއް އެކުލަވާލުމަށް އިދާރީ އެރޭންޖްމެންޓަކަށް އެދިފައެއް. އެމްޑީޕީގެ އާންމު މެންބަރުންގެ ފިކުރާ ހިލާފް ކަމެއް ޕާޓީގެ ރައީސް ނުކުރައްވާނެ،” މޫސަ ވިދާޅުވި އެވެ.
މޫސަ މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބުނެފައިވާ ޝެޑޯ ކެބިނެޓް އެކުލަވާލައްވަން އުޅުއްވާތީ ޕާޓީގެ ބައެއް ބޭފުޅުން ހިތްހަނުޖެހިފައިވާ ކަމަށް އެޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ.ޑީޑީ) ވަނީ ވިދާޅުވެފަ އެވެ.
މީގެއިތުރުން އެމްޑީޕީގެ ތެރޭގައި މައްސަލަތަކެއް އުޅޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން މީޑިއާ މެދުވެރިކޮށް ހާމަކޮށްފައިވަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި ހަގީގަތާ ހިލާފަށް ދައްކަމުން އަންނަ އެފަދަ ވާހަކަތައް ކުށްވެރިކުރާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
" އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ޑިމޮކްރެޓިކް ޕާޓީ. އިންޓާނަލް ޑިމޮކްރަސީ އެންމެ ރަގަޅަށް ހިނގާ ޕާޓީ. އެންމެ ގިނަ ރައްޔިތުން ތަމްސީލްކުރާ، އެންމެ ގިނަ ބަޔަކު ތާއީދުކުރާ ޕާޓީ. މި ޕާޓީ ހިނގަމުން މިދަނީ އާންމު މެންބަރުންގެ ވިންދާ އެއް ގޮތަށް. ފަހަރެއްގައި ވެސް މި ޕާޓީ ބައި ބައެއް ނުކުރެވޭނެ. ޕާޓީ ބައިކުރަން ބަޔަކު އުޅެންޏާ އެބަޔަކު ނިކަމެތިވާނީ. އެއީ މިހާތަނަށް ކަން ހިނގާފައި ހުރި ގޮތް. ޕާޓީ ބައިކުރަން ބަޔަކު އުޅޭ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން.” މޫސަ ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް މިއަދު ބޭއްވުމަށް ހަމަޖެހިފައިވާއިރު އެމަޖިލީހަށް އެމްޑީޕީގެ ލީޑާޝިޕްގައި ހިމެނިވަޑައިގެންނަވާ ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ.ޑީޑީ) ނައިބް ރައީސް އަލްހާން ފަހުމީ އަދި ޕާޓީގެ ވަގުތީ ޗެއާޕާޝަން ރީކޯ މޫސަގެ އިތުބާރު އޮތްތޯ ބެލުމަށް ގަރާރެއް ހުށަހަޅުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތުލިބެ އެވެ.