11 Oct 2022, 10:09
އަންނަ މަހު ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗުތައް ދުރަށް ދެއްކުމަށް އައިސް ޓީވީން ގެނެސްދޭ ކަވަރޭޖުގައި މެޗުތައް އެނަލައިޒް ކުރުމަށާއި ޕްރެންޓު ކުރުމަށް އެނަލިސްޓުންނާއި ޕްރެޒެންޓަރުން ހަމަޖައްސައިފިއެވެ.
އައިސް ޓީވީ ވޯލްޑްކަޕް ކަވަރޭޖް ކުރިއަށް ގެންދިއުމަށް އިއްޔެ ސޮއި ކޮށްފައިވަނީ ތިން ޕްރެޒެންޓަރުންނާއި، ފަސް އެނަލިސްޓުންނާއެކުއެވެ.
ޕްރެޒެންޓަރުންގެ ތެރޭގައި ހިމެނެނީ
- އައްޒާމް އަލިފުޅު
- ރިމާހު އަހުމަދު
- އިސްމާއިލް އަޒްމީން
- ހަމްޒާ ރަޝީދު
އެނަލިސްޓުންގެ ތެރޭގައި ހިމެނެނީ
- މުހައްމަދު ނަޖީލް
- ޝިމާޒް އަލީ
- އަލީ ސުޒޭން
- މުހައްމަދު ނިޒާމް
- ސޮބާހް މުހައްމަދު

ވޯލްޑްކަޕްގެ އައިސް ޓީީވީގެ ކަވަރޭޖްގައި މަސައްކަތްކުރާނެ ޕްރެސެންޓަރުންނާއި، އެނަލިސްޓުންނާއެކު ސޮއި ކުރުމުގެ ތެރެއިން--- ފޮޓޯ/ އައިސް ޓީވީ
ގަތަރުގައި އަންނަ މަހުގެ 20ން ޑިސެމްބަރު 18އަށް ކުރިއަށްދާ ވޯލްޑްކަޕްގެ ހުރިހާ މެޗެއް މީޑިއާނެޓްގެ އައިސް ޕްލަސް ޗެނަލުން ބަލާލެވޭނެކަމަށް އެ ކުންފުނިން ބުނެއެވެ.
މިއަހަރުގެ ވޯލްޑުކަޕަކީ ސައްތައިން ސައްތަ ދިވެހި ޗެނަލްތަކަކުން މުބާރާތް ރާއްޖެ ސަރަޙައްދަށް ދެއްކުމުގެ ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. މި އަހަރުގެ ވޯލްޑްކަޕް ދެއްކުމުގެ ރައިޓްސް ރާއްޖޭން ގަނެފައިވަނީ މީޑިއާނެޓުންނެވެ.
އެ ކުންފުނިން އެއް މިލިއަން ޑޮލަރަށް އެ ރައިޓްސް ގަތުމަށް ފަހު ނިންމީ ތިން ޗެނަލަކަށް އެ ރައިޓްސް ވިއްކުމަށެވެ. އޭގެ ތެރެއިން މީޑިއާނެޓްގެ އަމިއްލަ ޗެނަލް އައިސް ޓީވީ އާއި ރާއްޖެ ޓީވީން ވޯލްޑްކަޕް ދައްކާނެކަން މިދިޔަ ހަފުތާގައި ވަނީ އިއުލާން ކޮށްފައެވެ.
އެނގިފައިވާ ގޮތުގައި ތިން ވަނަ ޗެނަލަކަށް ރައިޓްސް ގަތުމުގެ މަސައްކަތް ކުރަނީ، ޕީއެސްއެމްއިންނެވެ. ނަމަވެސް އެކަމަށް ދައްކަން ޖެހޭ ފައިސާ އެ ޗެނަލަށް އަދި ހަމަނުޖެހޭކަން "ސަން"އަށް ވަނީ އެނގިފައެވެ.