ކިރިޔާވެސް ކާލެވޭ އެއްޗަކުން މުޅި މީހާ ވަރަށް ފަސޭހައިން ބަރުކޮށްލަފާނެއެވެ. ނަމަވެސް އެ ބަރުވާހާ ފަސޭހައިން ބަރުދަން ލުޔެއް ނުވެއެވެ. އަދި ބައެއް ފަހަރު ބަރުދަން ލުއި ކުރުމަކީ ވަރަށް ވެސް އުނދަގޫ ކަމެކެވެ. މިހެން ވަނީ ކީއްވެ ހެއްޔެވެ؟

ބަރުދަން ލުއި ކުރުމަކީ ވަރަށް ޑިސިޕްލިން ބޭނުންވާ ކަމެކެވެ. ނަމަވެސް ރަނގަޅަށް، ގަވައިދުން ޑައިޓް ކުރާ ނަމަވެސް މީހާ ލުއި ނުވެދާނެއެވެ. މިކަމުގެ ފަހަތުގައި ސަބަބުތަކެއް އެބަވެއެވެ.

އިންޑިއާގެ ޑައިޓީޝަނެއް ކަމަށްވާ ޑރ. ޑިމްޕަލް ޖަންގްޅާ ވިދާޅުވާ ގޮތުގައި ހަށިގަނޑުން ބަރުދަން ލުއި ކުރުމަށް ހުރަސްއަޅާ މައިގަނޑު ތިން ސަބަބެއް އޮވެދާނެއެވެ.

ހަށިގަނޑަށް ބޭނުންވާ ވިޓަމިންސް ނުލިބުން

ހަށިގަނޑަށް ބޭނުންވާ ނިއުޓްރިއެންޓްސް ނުވަތަ ވިޓަމިންސް މަދުވާ ހާލަތްތަކުގައި ހަށިގަނޑުގައި ސަރުބީލައި މީހާ ފަލަވާން މެދުވެރިވެއެވެ. އެއީ އެ މާއްދާތައް ނުލިބި، މީހާ ބަލިވެދާނެތީ ދިފާއީ ފިޔަވަޅެއްގެ ގޮތުން އިންސާނާގެ ހަށިގަނޑުން ކުރާ ކަމެކެވެ. އެހެންކަމުން ހަށިގަނޑުން މަދުވާ މާއްދާތައް އިތުރުކުރުމަށް އިސްކަންދިނުމަކީ ސަރުބީ ނައްތާލުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ނުބައި ޑައިޓް ޕްލޭނެއް

ދެވަނަ ކަމަކަށް ޑިމްޕަލް ފާހަގަކުރަނީ ޑައިޓެވެ. ކޮންމެކޮންމެ ޑައިޓަކީ ކޮންމެ މީހަކާ ގުޅޭނެ އެއްޗެއް ނޫނެވެ. އެއީ ސިއްހަތަށް ފައިދާ ހުރި ކާނާއަކީ ވެސް ބައެއް ފަހަރު ތިމާއާ އެންމެ ގުޅޭ އެއްޗަކަށް ނުވެދާނެތީއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑަށް ލިބޭ ހަކަތަ އެއިން ނުލިބުން އެކަށީގެންވެއެވެ. އަދި ލިމިޓު ކުރަން ޖެހޭ ވަރަށް ވުރެ ގިނައިން ކައިގެން ނޫނީ މިފަދަ ޑައިޓްތަކުން ހަކަތަ ނުލިބެއެވެ. ހަކަތަ ލިބޭއިރު ހަށިގަނޑަށް ފައިދާ ވާވަރަށް ވުރެ ބޮޑަށް ވާނީ ގެއްލުން ކަމަށް އޭނާ ފާހަގަކުރެއެވެ.

ހަޖަމު ކުރާ ނިޒާމު ދުޅަހެޔޮ ނުވުން

މީހާގެ ހަށިގަނޑަށް އެތެރެވާ ކާނާ ވިހަ މާއްދާތައް ބޭރު ކުރުމުގެ ރޯލު އަދާކުރަނީ ހަޖަމުކުރާ ނިޒާމުންނެވެ. މީހާގެ ގޮހޮރަކީ ދުޅަހެޔޮ ގޮހޮރަކަށް ނުވެއްޖެ ނަމަ ހަށިގަނޑަށް ނުރައްކާތެރި ވިހަ މާއްދާތައް ނައްތާލަން ފަސޭހައެއް ނުވާނެއެވެ. މި ޓޮކްސިންތަކުގެ ސަބަބުން މީހާގެ ގައިގައި އިތުރަށް ސަރުބީ އުފެދުން ވެސް އެކަށީގެންވެއެވެ. އެހެންވީމާ ޑައިޓެއް ފެށުމުގެ ކުރީން ޑައިޓީޝަނެއް ނުވަތަ ނިއުޓްރީޝަނަކާ ވާހަކަދައްކައިގެން މީހާގެ ގޮހޮރުގެ ދުޅަހެޔޮކަން ބަލާލުން ވެސް ވަރަށް ރަނގަޅުވާނެއެވެ.