12 Oct 2022, 09:53
އެޕަލް ފިޔަވައި އެހެން ބައެއް ކުންފުނިތަކުން ޚާއްޞަކޮށް ސެމްސަންގުން، ފަސޭހަކަމާއެކު ޔޫއެސްބީ-ސީ ޓައިޕް ޗާޖިން ސްމާޓްފޯނުތައް އުފައްދަމުންދާއިރު، އެކަމަކީ މަޝްހޫރު ޓެކްޖަޔަންޓް އެޕަލްއަށް އުނދަގޫ ކަމަކީހެއްޔެވެ؟ ޓެކް ރިޕޯޓްތަކުން މިވަނީ އޭގެ ޖަވާބު ގެނެސްދީފައެވެ.
ޔޫއެސްބީ-ސީ އައިފޯނެއް އުފެއްދުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އެއް ޒަމާނެއްގައި ހީވި ނަމަވެސް އެންމެ ފަހުގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި އެއީ ހަގީގަތުގައި ހީކުރާ ވަރަށް ވުރެ އަވަހަށް އެޕަލްއިން ފެންނާނެ އެއްޗެކެވެ. އެގޮތުން އެންމެ ލަސްވެގެންވެސް އަންނަ އަހަރުގެ ތެރޭގައި ފުރަތަމަ ޔޫއެސްބީ-ސީ އައިފޯން ނެރޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޔޫއެސްބީ-ސީ އައިފޯނެއް ނެރުމާ ދެކޮޅަށް އެޕަލް އިން ގެންގުޅޭ ވިސްނުން ބަދަލުކޮށްލި ސަބަބުތައް ކަމަށް ބެލެވޭ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އެއް ކަމަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތައާރަފު ކުރަމުންދާ، އެކަމާ ގުޅުން ހުރި ގާނޫނުތަކެވެ.
އޭގެ ތެރޭގައި، ޔޫރަޕިއަން ޔޫނިއަންއިން އެތައް އަހަރެއް ވަންދެން މަޝްވަރާ ކުރުމަށް ފަހު ރަސްމީކޮށް ފާސްކުރި "ކޮމަން ޗާޖިން ޕޯޓް" ގާނޫނު ހިމެނެއެވެ. އެ ގާނޫނުގެ ދަށުން، 2024 ވަނަ އަހަރުން ފެށިގެން އީޔޫގެ 27 ގައުމުގެ ތެރޭގައި ވިއްކާ ހުރިހާ ސްމާޓްފޯނެއް ޗާޖު ކުރުމަށް ޔޫއެސްބީ-ސީ ބޭނުން ކުރެވެން ޖެހޭނެއެވެ. މީގެ ތެރޭގައި އައިފޯނާއި އެއާޕޮޑްސް ފަދަ ޕެރިފެރަލް އެކްސެސަރީޒް ވެސް ހިމެނެއެވެ.
އީޔޫގެ ގާނޫނު ފާސްކުރިތާ އެންމެ ހަފުތާއެއްހާ ދުވަސް ފަހުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ އެކަމަށް ތާއީދުކުރާ ކަމަށް ބުނެ އަޑުއުފުލާފައެވެ. އަދި އެމެރިކާގައި ވެސް އެފަދަ ގާނޫނެއް ފާސްކުރުމަށް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.
މި މަހުގެ ކުރީކޮޅު އީޔޫގެ ގާނޫނު ހަދާ މަޖިލީހުން އެ ގާނޫނަށް ރުހުން ދިނީ އެ މަޖިލީހުގައި ނެގި ވޯޓަކަށް ފަހުގައެވެ.
މި ގާނޫނު ދެން ފާސްކުރަން ޖެހޭނީ ޔޫރަޕިއަން ކައުންސިލުންނެވެ. އެއަށްފަހު އެ ގާނޫނަށް އަމަލު ކުރަން ފަށަން ޖެހޭ ތާރީޚާއެކު އީޔޫގެ އޮފިޝަލް ޖާނަލްގައި ޝާއިއުކުރާނެއެވެ.
އެ ގާނޫނުގައި، ހުރިހާ ޑިވައިސްއެއްގައި ވެސް ޔޫއެސްބީ-ސީ ޕޯޓެއް ހުންނަން ވާނެ ކަމަށް ބުނި ނަމަވެސް، ގާނޫނު ފާސްކުރުމުގެ ކުރިން އުފައްދާފައިވާ ޑިވައިސްތައް އެ ގާނޫނާ އެއްގޮތަށް ބަދަލު ކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް 2024 ވަނަ އަހަރު އައިފޯން 16 ނެރުމުގެ ކުރިން އެއަށް އަމަލުކުރަން ފަށާނެ ކަމަށް ބެލެވެއެވެ.

އަންނަ އަހަރު ނެރޭ އައިފޯން 15 ގައި ޗާޖް ކުރުމާއި ޑޭޓާ ޓްރާންސްފާ ކުރުމަށް ޔޫއެސްބީ-ސީ ޕޯޓެއް ހުންނާނެ ކަމަށް އެނެލިސްޓުން ބުނޭ -- ފޮޓޯ/ ނައިންޓުފައިވްމެކް
އެޕަލްއިން ވަނީ ޔޫއެސްބީ-ސީ އައިފޯނެއް ލާޒިމު ކުރާނެ ގާނޫނުތަކާ ދެކޮޅަށް ވާހަކަ ދައްކާފައެވެ. އެ ކުންފުނިން ބުނަނީ މިފަދަ ގާނޫނުތަކުގެ ސަބަބުން އާ އުފެއްދުން އުފެއްދުމަށް އޮތް ފުރުސަތުތައް ވަރަށް ބޮޑަށް ހަނިވާކަމަށެވެ. އެގާނޫނުގެ ސަބަބުން ހަގީގަތުގައި ވާނީ އިތުރު އިސްރާފުތަކެއް ކަމަށްވެސް އެޕަލްއިން ވަނީ ބުނެފައެވެ.
އެޕަލް އިން ޔޫއެސްބީ-ސީ އައިފޯނެއް ނެރޭނެ ހެއްޔެވެ؟
އެޕަލްގެ މަޝްހޫރު އެނަލިސްޓް، މިންގް-ޗީ ކުއޯ އެންމެ ފުރަތަމަ 2019 ވަނަ އަހަރު ލަފާކުރީ އެޕަލްއިން މިދިޔަ އަހަރުގެ ތެރޭގައި ޕޯޓް ނެތް އައިފޯނެއް ނެރޭނެ ކަމަށެވެ. ނަމަވެސް އެފަދަ ފޯނެއް އަދި ނެރެފައި ނުވެއެވެ. އެއީ ވަޔަލެސް ޓެކްނޮލޮޖީތަކަކީ ލައިޓްނިން ނުވަތަ ޔޫއެސްބީ-ސީ ފަދަ ކަނެކްޓަރުތައް މުޅިން ދޫކޮށްލުމަށް ފަހު ބޭނުންކުރެވޭ ވަރަށް އިތުބާރުހުރި ނުވަތަ ބާރުގަދަ ޓެކްނޮލޮޖީއަކަށް ނުވުމެވެ. ވަޔަލެސް ޗާޖިންގައި ޗާޖިން ސްޕީޑް ލަސްވެފައި ޑޭޓާ ޓްރާންސްފާ މިންވަރު ލަސްވުމުން ފޯނު ގެންގުޅޭ ފަރާތްތަކުން އެކަން ބަލައެއް ނުގަންނާނެއެވެ.
އެނަލިސްޓް ކުއޯ ބުނާގޮތުގައި ޕޯޓް ނެތް އައިފޯނެއް އުފެއްދުމުގެ މަސައްކަތް އަދިވެސް އެޕަލްއިން ކުރަމުންދާއިރު، އެމަސައްކަތް އަދިވެސް އޮތީ ޓެސްޓިން މަރުހަލާގައެވެ. އެހެންކަމުން މިއަހަރު ނުވަތަ އަންނަ އަހަރުވެސް އެ އުފެއްދުން އާންމުންނަށް ފެންނާނެ ކަމުގެ އުންމީދެއް ނެތް ކަމަށް އޭނާ ބުންޏެވެ.
އެޕަލްއިން މި އަހަރުގެ ތެރޭގައި އައިފޯން 14 ޕްރޯއިން ފެށިގެން ލައިޓްނިންގެ ޑޭޓާ ޓްރާންސްފާ ރޭޓް ޔޫއެސްބީ 3.0އަށް ބޮޑުކުރާނެ ކަމަށް އަޑު ފެތުރިފައިވީ ނަމަވެސް އަދިވެސް ޔޫއެސްބީ-ސީއަށް ބަދަލުކޮށްފައެއް ނުވެއެވެ.
އެޕަލްގެ އެނަލިސްޓް މިންގް-ޗީ ކުއޯ އިން، މެއި މަހު ލަފާކޮށްފައިވާ ގޮތުގައި އަންނަ އަހަރު ނެރޭ އައިފޯން 15 ގައި ޗާޖް ކުރުމާއި ޑޭޓާ ޓްރާންސްފާ ކުރުމަށް ޔޫއެސްބީ-ސީ ޕޯޓެއް ހުންނާނެއެވެ. ބްލޫމްބާގުން ވެސް ވަނީ އަންނަ އަހަރު އައިފޯން 15 ޔޫއެސްބީ-ސީ ޕޯޓަކަށް ބަދަލުވެދާނެ ކަމަށް ބުނެފައެވެ.
ޔޫއެސްބީ-ސީ އައިފޯނަކުން ގިނަ ކޮންސިއުމަރުންނަށް އުފާވެރިކަން ލިބޭނެކަން ޔަގީނެވެ. ޚާއްސަކޮށް މިހާރުވެސް ޔޫއެސްބީ-ސީ ވެސް ބޭނުންކުރާ އައިޕެޑް ނުވަތަ މެކް އެއް ގެންގުޅޭ ފަރާތްތަކަށެވެ. ޔޫއެސްބީ-ސީއަށް ބަދަލުވުމަކީ އާޚިރުގައި ރަނގަޅު ނިންމުމެއް ނަމަވެސް އައިފޯން ބޭނުންކުރާ މީހުންގެ އަދަދު ގިނަވުމުން، އައިފޯނުގެ ޗާޖިން ކަނެކްޓަރު ބަދަލުކުރުމުން އެޕަލްއަށް ޝައްކެއް ވެސް ނެތް ގޮތުގައި ފާޑުކިޔުންތައް އަމާޒުވާނެއެވެ.