11 Oct 2022, 09:18
ރަޝިއާއިން ޔޫކްރޭނުގެ ވެރިރަށް ކިއެވްއަށް މިއަދު ދިން މިސައިލް ހަމަލާތައް ޔޫކްރޭނަށް ދީފައިވަނީ މޮލްޑޯވާގެ ވައިގެ ސަރަހައްދު ބޭނުންކޮށްގެންކަމަށް އެ ގައުމުން ބުނެފިއެވެ.
ރަޝިއާ-ކްރައިމިއާ ބްރިޖް ގޮއްވާލީ ޔޫކްރޭނުންކަމަށް ބުނެ، ރަޝިއާއިން މިއަދު ޔޫކްރޭނަށް ގިނަ މިސައިލް ހަމަލާތަކެއް ވަނީ ދީފައެވެ.
ރަޝިއާއިން މޮލްޑޯވާގެ ވައިގެ ސަރަހައްދު ބޭނުންކޮށްގެން ޔޫކްރޭނަށް މިސައިލު ހަމަލާދިން މައްސަލައިގައި ރަޝިއާއިން މޮލްޑޯވާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހާޒިރުކުރުމަށް އަންގާފައިވާކަމަށް މޮލްޑޯވާގެ ފޮރިން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މޮލްޑޯވާއިން ވަނީ ރަޝިއާއިން ޔޫކްރޭނަށް ދިން ހަމަލާ ކުށްވެރިކޮށްފައެެވެ. އަދި މީހުން މެރުން ހުއްޓުމަށް ރަޝިއާގެ ކިބައިން އެ ގައުމުން ވަނީ އެދިފައެވެ.
މޮލްޑޯވާއަކީ މީގެ ކުރިން ސޯވިއެޓް ޔޫނިއަންގެ ބައެކެވެ. ނަމަވެސް މިހާރު އެ ގައުމަކީ ޔޫކްރޭން ގޮތަށް ހުޅަނގުގެ ގައުމުތަކާ ގާތްގުޅުން ބާއްވާ ގައުމެކެވެ.
މޮލްޑޯވާއިން ވަކިވެގަންނަން ބޭނުންވާ ޓްރާންސްނިސްޓީރިއާ ސަރަހައްދަށް ރަޝިއާއިން އެހީތެރިކަން ފޯރުކޮށްދެއެވެ. މި މައްސަލައިގެ ސަބަބުން މޮލްޑޯވާ-ރަޝިއާ ގުޅުންތަކަށް ވަނީ ނުރަނގަޅު އަސަރުކޮށްފައެވެ.
ރަޝިއާ-ޔޫކްރޭން ހަނގުރާމަ ވަރުގަދަ ވެފައިވާއިރު، ހުޅަނގުގެ ގައުމުތަކުން ވަނީ ޔޫކްރޭނަށް އެހީތެރިވާނެކަމަށް ބުނެފައެވެ. އަދި މާލީ ގޮތުންނާއި ދިފާއީގޮތުން ޔޫކްރޭނަށް މިހާރުވެސް އަންނަނީ އެހީވަމުންނެވެ.
ރަޝިއާއާއެކު މި ހަނގުރާމައިގައި އޮތީ ބެލަރޫސްއެވެ. ބެލަރޫސްއިން ވަނީ ރަޝިއާއާއެކު ހަނގުރާމަކުރަން ބެލަރޫސްގެ ސިފައިން މޮބިލައިޒްކުރާނެކަމަށްވެސް ބުނެފައެވެ.